ޚަބަރު

ސުނާމީ އަކީ ބިޔަ އެއް ރާޅެއް ނޫން، ހަލުވިކޮށް ދަތުރުކުރާ ގިނަ ރާޅުތަކެއް!


ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާއަށް އައި ރިކްޓަރ މިންގަނޑުން 8.8ގެ ބާރުމިނުގެ ބިންހެލުމަކާއެކު ޕެސިފިކް ސަރަޙައްދުގައި އޮންނަ އެކި ޤައުމުތަކުގައި ވަނީ ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ދީފައެވެ. ސުނާމީގެ އިންޒާރުތައް ދީފައިވާ ޤައުމުތަކުގެ ތެރޭގައި ޖަޕާނާއި އެމެރިކާގެ ހަވާއީއާއި ޗައިނާއާއި ފިލިޕީންސްއާއި އިންޑޮނޭޝިޔާއާއި ގައުމްއާއި ޕެރޫ އާއި ގަލަޕަގޮސް އައިލެންޑްސް ހިމެނެއެވެ. ބައެއް ޤައުމުތަކަށް މިހާރު ވަނީ ސުނާމީ އަރައިފައެވެ.

ސުނާމީ އުފެދެނީ ކިހިނެތް؟

ސުނާމީއަކީ ކަނޑުއަޑީގައި ބިންހެލުމެއް ހިނގުމުން ނުވަތަ އަލިފާން ފަރުބަދަ ގޮވުމުން ނުވަތަ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އުފެދޭ ބޮޑެތި ރާޅުތަކެކެވެ. ބިންގަނޑު ގުޑުމުން، ކަނޑުގެ ލޮނުގަނޑު މައްޗަށް އަރައި ރާޅުތަކަކަށް ބަދަލުވެ، ހަލުވި ދުވެލީގައި ދަތުރުކުރެއެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ސުނާމީއަކީ އެއް ބިޔަ ރާޅު ކަމަށެވެ. ނަމަވެސް އެއީ އެއްފަހަރާ އުފެދޭ، ހަލުވި ދުވެލީގައި ދަތުރުކުރާ ގިނަ ޢަދަދެއްގެ ރާޅުތަކެކެވެ.

ކޮންމެ ސުނާމީއަކީ ގެއްލުން ބޮޑު ސުނާމީއެއް ނޫނެވެ. ބައެއް ސުނާމީގެ ސަބަބުން މާ ބޮޑު ގެއްލުމެއް ނުލިބޭ ފަހަރު ވެސް ދެއެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި ފަނާކުރަނިވި ގެއްލުން ވެސް ސުނާމީގެ ސަބަބުން ކުރިމަތިވެއެވެ. އެ ގޮތުން، ރިކްޓަރ މިންގަނޑުން 9.1ގެ ބާރުމިނުގައި 2004ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި 230،000އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ފަހަރު އުފެދުނު ސުނާމީގެ ސަބަބުން ރަށްރަށާއި އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ.

ސުނާމީގެ އިންޒާރު ދެނީ ކިހިނެތް؟

ގިނަ ޤައުމުތަކުގައި ސުނާމީގެ އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމުން ރައްޔިތުންގެ ފޯނުތަކަށް މެސެޖު ފޮނުވައެވެ. އަދި ޓީވީއާއި ރޭޑިޔޯ މެދުވެރިކޮށް ވެސް މި މެސެޖު ފޯރުކޮށްދެއެވެ. ރަށުތެރޭގައި ވެސް ނުރައްކަލުގެ ރަނގަބީލު އަޅައެވެ. މީސްމީޑިޔާ ބޭނުންކޮށްގެން ވެސް އިންޒާރުގެ މެސެޖުތައް ރައްޔިތުންނަށް ފޯރުކޮށްދޭއިރު، އިދާރާތަކުން ދޮރުން ދޮރަށް ހިނގައިގެން ވެސް ކުރިމަތިވެފައިވާ ނުރައްކަލުގެ ޚަބަރު ރައްޔިތުންނަށް ދެއެވެ.

މި މަހުގެ ކުރީކޮޅު އަލަސްކާގެ އެލީތިއަން އައިލެންޑްސް ކައިރިއަށް ބިންހެލުމެއް އައުމުން، އަލަސްކާގެ އާއްމު ސަލާމަތާބެހޭ އިދާރާތަކުން ވަނީ ސުނާމީއެއް އަރައިފާނެކަމުގެ ފުރުޞަތު އޮތުމުން، އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން އުސް ސަރަޙައްދުތަކަށް ދިޔުމަށް އަންގައިފައެވެ. ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް އާއްމުގޮތެއްގައި އަމަލު ކުރަނީ މި ގޮތަށެވެ.

ބައެއް ޤައުމުތަކުގައި ރައްޔިތުން ތިބި ސަރަޙައްދު ޗާޓުން ބަލައި، އެއީ ސުނާމީގެ އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަޙައްދެއްތޯ ޔަޤީން ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރެއެވެ. ނުރައްކާ އޮތް ސަރަޙައްދެއްގައި ތިބި ބައެއް ނަމަ ވީ އެންމެ އަވަހަކަށް ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އިރުޝާދުދެއެވެ. ކަނޑާ ގުޅިފައިވާ އެންމެހާ ސަރަޙައްދުތަކާ އެންމެ މަދުވެގެން 100 ފޫޓު ދުރުގައި ތިބުމަށް ވެސް އަންގައެވެ. އެއަށް ވުރެ ކައިރިއަށް ގޮސްފި ނަމަ އުދައާއި ފެންބޮޑުވުމުގެ ސަބަބުން ގެއްލުމެއް ލިބުން އެކަށީގެންވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ. ބައެއް ސަރަޙައްދުތަކުގައި މި ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ޖަމާވާންވީ ކޮން ސަރަޙައްދުތަކަކަށް ނުވަތަ އިމާރާތްތަކަކަށްކަން އޮންނަނީ ދުރާލާ ކަނޑައަޅައިފައެވެ.

އިންޒާރުގެ މިންވަރު

ސުނާމީއާ ގުޅިގެން އެމެރިކާގެ މޫސުމާ ބެހޭ އިދާރާއިން ނުރައްކަލުގެ ތަފާތު މިންވަރުތައް ދޭހަވާގޮތަށް އިންޒާރުތައް ނެރެއެވެ. އެ ގޮތުން، އިންޒާރު ނުވަތަ 'ވަރނިންގ' ޙާލަތުން ދޭހަކޮށްދެނީ ސުނާމީ އެރުމުގެ ފުރުޞަތު ބޮޑުކަމެވެ. އެ ޙާލަތުގައި ދިރިއުޅޭ ސަރަޙައްދު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދިޔުން އެދެވިގެންވެއެވެ.

'އެޑްވައިސަރީ' ޙާލަތު އިޢުލާނުކުރުމުން ދޭހަކޮށްދެނީ ސުނާމީއެއް އެރުމުގެ ފުރުޞަތު އޮތްކަމެވެ. މި ޙާލަތުގައި ނުރައްކާތެރި ރާޅު އުފެދުމާއި އޮއެގަދަވުން އެކަށީގެންވާކަން އެ އިންޒާރުން އަންގައިދެއެވެ. އެހެންކަމުން، ގޮނޑުދޮށް ސަރަޙައްދަށް މީހުން ނުދިޔުމަށް މި ޙާލަތުގައި އަންގައެވެ.
'ވޮޗް' ޙާލަތަކީ ސުނާމީއެއް އަރައިފާނެކަމަށް ތައްޔާރީ ޙާލަތުގައި ހުރުމަށް ދެވޭ އިރުޝާދެކެވެ.

މި ތިން އިންޒާރުގެ ތެރެއިން އިދާރާތަކުން ދޭނީ ކޮން އިންޒާރެއް ކަން ބަރޯސާ ވަނީ އެ ތަނަކާ، ބިންހެލުން އައި ސަރަޙައްދާ ހުރި ދުރުމިނުގެ މައްޗަށެވެ. ބޮޑެތި ބިންހެލުންތައް އައުމުން ސުނާމީ އުފެދި އެއްގަމާ ހަމައަށް ފޯރުމަށް މަދު މިނެޓުކޮޅެއް ނަގައި ޙާލަތްތައް ވެސް މެދުވެރިވެއެވެ. ބިން ހެލުން އައީ ދުރު ސަރަޙައްދަކަށް ނަމަ ކަނޑު ހުރަސްކޮށް އެއްގަމާ ހަމައަށް ސުނާމީގެ ރާޅުތައް ފޯރުމަށް ބައެއް ފަހަރު އެތައް ގަޑިއިރެއް ވެސް ނަގައެވެ.

ސުނާމީގެ ރާޅުތަކުގެ ދުވެލި، ކަނޑުގެ ފުން މިނުގެ މައްޗަށް ވެސް ބަރޯސާވެއެވެ. ފުން ސަރަޙައްދުތަކުން ވަރަށް ބާރަށް ރާޅުތައް ދަތުރުކުރާއިރު، ތިލަ ސަރަޙައްދުތަކުގައި ރާޅުތަކުގެ ދުވެލި މަޑުވެއެވެ.