ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ސުނާމީ ރާޅުތަކެއް ވަނީ އެ ސަރަޙައްދުގައި އުފެދިފައެވެ. ރިކްޓަރ މިންގަނޑުގެ 8.8ގެ ބާރުމިނުމުގައި އައި މި ބިންހެލުމުގެ ސަބަބުން ޕެސިފިކް ސަރަޙައްދުގައި އޮންނަ ގިނަ ޤައުމުތަކަކުން ވަނީ ސުނާމީގެ އިންޒާރު ދީފައެވެ. އަދި ރަޝިޔާގެ އިރުމަތީ ސަރަޙައްދުތަކަށާއި ޖަޕާނުގެ އުތުރުގެ ސަރަޙައްދުތަކަށް ސުނާމީގެ ރާޅުތައް ވަނީ ފޯރައިފައެވެ.
ރަސްމީ ރިޕޯޓުތަކުގައި ބުނީ ރަޝިޔާގެ އިރުމަތީ އައްސޭރި ސަރަޙައްދުތަކަށް އުސްމިނުގައި 13 ފޫޓު ހުރި ރާޅު އަރާފައިވާ ކަމަށެވެ. އެގޮތުން ކަމްޗަޓްކާ ޕެނިންސުލާއާއި ކުރިލް އައިލެންޑްސްއާއި ސަޚަލިންއަށް ސުނާމީގެ ރާޅުތައް ފޯރާވައިވެއެވެ. އެ ސަރަޙައްދުތަކުގައި ކޮންމެވެސް ވަރަކަށް ފެން ބޮޑުވެފައިވާއިރު، އިމާރާތްތަކަށް ވެސް ކޮަންމެވެސް ވަރަކަށް ގެއްލުން ލިބިފައިވެއެވެ. ރާޅުތަކުގެ ސަބަބުން އެއްވެސް މީހަކަށް ބޮޑެތި ޒަޚަމްތައްވެފައިވާ ކަމަކަށް ނުބެލެވެއެވެ. ރަޝިޔާއިން މިހާރު ވަނީ އެ ޤައުމުން ނެރެފައިވާ ހުރިހާ ސުނާމީ އިންޒާރުތައް ބާޠިލްކޮށްފައެވެ.
ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ ރާޅުތައް ޖަޕާނުގެ ހޮއްކައިޑޯއަށާއި ޓޮހޮކުގެ ބައެއް ސަރަޙައްދުތަކަށް ވެސް ފޯރާފައިވެއެވެ. އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގޮސްފައެވެ. ސުނާމީ އިންޒާރުގެ ސަބަބުން އެ ސަރަޙައްދުގައި ދެމުންދިޔަ ރޭލުގެ ޚިދުމަތް ވެސް ވަނީ މެދުކަނޑާލައިފައެވެ. ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނީ އުސްމިނުގައި 4.9 ފޫޓު ހުރި ރާޅު ހޮއްކައިޑޯއާއި ޓޮހޮކުގެ ސަރަޙައްދުތަކަށް އަރާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން މާ ބޮޑު ގެއްލުމެއް ލިިބިފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ވެސް އިތުރު ލޮޅުންތައް އަތުވެދާނެ ކަމަށް ބަލައި، އަދި އިތުރު ރާޅު އަރައިފާނެ ކަމަށް ވިސްނައި، އާންމުން ސަމާލުވެ ތިބުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޖަޕާނުގެ ބައެއް ސަރަޙައްދުތަކުގައި ނެރެފައިވާ އިންޒާރުތައް ބާޠިލްކޮށްފައެއް ނުވެއެވެ.
ބިންހެލުން އައުމާއެކު ޕެސިފިކްގެ ގިނަ ސަރަޙައްދުތަކަކުން ސުނާމީގެ އިންޒާރު ދީފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ހަވާއީ އާއި އަލަސްކާއާއި އެމެރިކާގެ ހުޅަނގުގެ އައްސޭރި ސަރަޙައްދުތަައް ހިމެނެއެވެ. ހަވާއީއަށް ވެސް 5.6 ފޫޓުގެ ރާޅު އަރާފައިވެއެވެ. އަދި ހުޅަނގުގެ އައްސޭރި ސަރަޙައްދުތަކަށް ވެސް 1.6 ފޫޓުގެ ކުދި ރާޅު އަރާފައިވެއެވެ. ނަމަވެސް އެ ސަރަޙައްދުތަކުން ވެސް މިހާރު ވަނީ އިންޒާރުގެ މިންވަރު ‘އެޑްވައިސަރީ’އަށް ދަށްކޮށްފައެވެ.
ސުނާމީގެ އިންޒާރު ދިން އެހެން ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި ގައުމްއާއި ތައިވާނާއި ފިލިޕީންސްއާއި އިންޑޮނޭޝިޔާއާއި ފްރެންޗް ޕޮލިނީސިއާ ހިމެނެއެވެ. ބައެއް ޤައުމުތަކުން ރައްކާތެރި ސަރަޙައްދުތަކަށް މީހުން ގެންގޮސްފައި ވެސްވެއެވެ. ނަމަވެސް އެ ޤައުމުތަކަށް ސުނާމީގެ އަސަރު ކޮށްފައެެއް ނުވެއެވެ. އިންޒާރު ނެރުނު ގިނަ ޤައުމުތަކުން މިހާރު ވަނީ އެ އިންޒާރުތައް ބާޠިލުކޮށްފައެވެ.