ކުޅިވަރު

ޓާ ސްޓެގަން އޮޕަރޭޝަނުގެ މައްސަލައިގައި ކޯޅުން ބޮޑުވެއްޖެ


ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން އޮޕަރޭޝަނަށްފަހު އެނބުރި ކުޅެން އަންނާނެ މުއްދަތަކާ މެދު ބޮޑު ބަހުސެއް ފެށިއްޖެއެވެ.

ފާއިތުވެދިޔަ 10 އަހަރު ބާސެލޯނާ އަށް ކުޅުނު ކީޕަރު ބުނަނީ އޭނާ އެނބުރި ކުޅުމުގެ ތެރެ އަށް އަންނާނީ ތިން މަސް ދުވަހުން ކަމަށެވެ. ނަމަވެސް މިއީ ބާސެލޯނާގެ މެޑިކަލް ޓީމުން އެއްބަސްވާ ކަމެއް ނޫނެވެ. ކުލަބުން ބޭނުންވަނީ އޭނާ އެނބުރި އަންނާނީ ހަތަރު މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަކުރުމަށް ފަހު ކަމަށް ނިންމާށެވެ. ސަބަބަކީ އޭރުން އޭނާގެ މުސާރައިގެ 80 ޕަސެންޓަށްވާ ޖާގަ ބޭނުންކޮށް ސްޕެނިޝް ލީގުގައި ބާސެލޯނާގެ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ޖާގަ ތަނަވަސް ކުރުމަށެވެ. ނަމަވެސް ކުލަބުން އޭނާ ލައްވައި ނުކުޅުވަން ނިންމައި އެހެން ކުލަބަކަށް ދާން ބާރު އަޅަމުންދާތީވެ މި ފުރުސަތު ބާސެލޯނާ އަށް ދޭން ޓާސްޓެގަން ބޭނުމެއްނުވެ އެވެ.

އޭނާ އޮޕަރޭޝަން ކުރީ ވެސް ކުރިއަށް އޮތް ސީޒަނުގައި ކުލަބުގެ އެއްވަނަ ކީޕަރުކަން ނުދޭނެ ކަމަށް ބުނަން ފެށުމުންނެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި އެއްކޮށް ނުކުޅެ ހުރި ކުޅުންތެރިޔާ އަކީ ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާގެ ތިން ވަނަ ކީޕަރުކަމުގައި ވަނީ ހަދައިފަ އެވެ. މިކަމާ އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.

ޓާސްޓެގަންގެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ބާސެލޯނާއިން ސްޕެނިޝް ލީގަށް ހުށަހަޅާނެ އެވެ. އަދި އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އަންނާނީ ކިހާ މުއްދަތަކުންކަން ނިންމާނީ ލީގުގެ ޑޮކްޓަރުންގެ ޓީމުން ލިޔެކިއުންތަކާއި ޓެސްޓްތައް ދިރާސާ ކުރުމަށްފަހު އެވެ. މިހެންވެ ކުޅުންތެރިޔާ ތިން މަސް ދުވަހުން އަލުން ކުޅެން ފަށޭނެ ކަމަށް ބުނި ނަމަވެސް އެކަމަށް ބާރު ނުލިބޭނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.

ބާސެލޯނާއިން ޓާސްޓެގަން އަށް އިތުބާރު ކުރަން ބޭނުން ނުވަނީ ގާތްގާތުގައި އޭނާ އަށް ވަމުން އަންނަ އަނިޔާތައް އިތުރު ވުމުގެ ސަބަބުން ކުރީގެ މޮޅު ކުޅުން ނުދެއްކިދާނެ ކަމަށް ބަލައިފަ އެވެ.

އޭނާ އުނަގަނޑު އޮޕަރޭޝަން ކުރީ ވެސް އެކަން ނުކޮށް އެތައް ދުވަހަކު ދިގު ދެންމުމަށް ފަހު އެ ނޫން ގޮތެއް ނެތުމުންނެވެ. މި އޮޕަރޭޝަނާއެކު އޭނާ ބާސެލޯނާ އަށް ނުކުޅެ ހުންނަ މުއްދަތު ގާތްގަނޑަކަށް ދޮޅު އަހަރާ ގާތް ކުރާނެ އެވެ. އެންމެ ފަހުން އޭނާ މެޗެއް ކުޅުނީ ހުސްވި ސީޒަން ނޫން ކުރީ ސީޒަނުގަ އެވެ. އެކަމަކު އުމުރުން 33 އަހަރުގެ ކީޕަރު ހުރީ ބާސެލޯނާ ދޫކޮށް ފަސޭހައިން ދާ ގޮތަކަށް ނޫނެވެ.