ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ބަދަހި އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ.
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުންނެވެ.
ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ބަދަހި އިންވެސްޓްމަންޓާ ހަވާލުކޮށްފައިވަނީ 23.7 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާރު އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ޣާޒީ ސްކޫލްއަކީ ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލްއެކެވެ. މިވަގުތު އެ ސްކޫލްގައި އެލްކޭޖީން ފެށިގެން ގްރޭޑު 10 އާ ހަމައަށް 1600އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުހައްމަދުއެވެ.
ޣާޒީ ސްކޫލަށް ކްލާސްރޫމްތަކެއް އިތުރުކުރުމަށް ނިންމަވާފާއިވާއިރު ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވަނީ ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގައި އެންމެ ޑިމާންޑު ބޮޑީ ހުޅުމާލޭ ސްކޫލްތަކަށް ކަމަށެވެ. ހުޅުމާލޭގެ ސްކޫލްތަކަށް ޑިމާންޑު ބޮޑީ، އެ ސަރަހައްދަށް ގިނަ އާއިލާތަކަކުން ދިރިއުޅުން ބަދަލުވާތީއެވެ. މިގޮތުން މިދިޔަ އަހަރުވެސް ގިނަ ޢަދަދެއްގެ ދަރިވަރުން މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވަނީ ބަދަލުވެފައެވެ.
މިހާރު އަންނަ އަހަރުގެ ދިރާސީ އަހަރަށް ސްކޫލްތަކަށް ވެއްދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އަތޮޅުތަކުން 700 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާނެކަމަށް ތަޢުލީމީ ވުޒާރާއިން ލަފާކުރެއެވެ. އަދި ގްރޭޑް އެކަކަށް 2000އަށްވުރެ ގިނަ ދަރިވަރުން ވަންނާނެކަމަށާއި 1800 އަށްވުރެ ގިނަ ދަރިވަރުން އެލްކޭޖީއަށް ވާންނާނެކަމަށް އަންދާޒާ ކުރެވޭކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އިތުރުވަމުންދާ ޑިމާންޑާއި ގުޅިގެން ހުޅުމާލޭގައި މިއަހަރު އަލަށް ދެ ސްކޫލް ޢިމާރަތްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި މިހާރު ހުޅުމާލޭ ފޭސް 2ގައި އިމާރަތްކުރަމުންދާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނޮވްމެބަރު މަހަށް ނިންމާ 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އެ ސްކޫލްގައި ފަށާނެކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.