ދިވެހިރާއްޖޭގެ ހައިކޯޓަށް ޢަބްދުﷲ ޖަމީލު މޫސާއާއި މުޙައްމަދު ޝަހީދު އައްޔަންކުރެއްވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ފަނޑިޔާރުކަމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކޮށް އައްޔަނުކުރާނެ ފަނޑިޔާރުން މިހާރު ނިންމަވާފައިވާ ކަމަށެވެ. އެ ގޮތުން ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމެވީ އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާއި އަލްއުސްތާޛު މުޙައްމަދު ޝަހީދެވެ.
ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޖަމީލް، ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވިއެވެ. ޖަމީލް އެންމެ ފަހުން ހުންނެވީ ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށް ފަހު، ޢަބްދުﷲ ޖަމީލް ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.
މުޙައްމަދު ޝަހީދު ވަނީ 5 އަހަރު ވަންދެން ހަނީވެލް ޓްޑްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން މުޙައްމަދު ޝަހީދު ހުންނެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމުގައެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން 2 މަޤާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވައެވެ.
ފަނޑިޔާރުންގެ ޤާނޫނުގައި އޮންނަ ގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ އަޤުލަބިއްޔަތުންނެވެ. އަދި މަޤާމާ ހަވާލުވުމުގެ ކުރިން ހުވާކޮށް، ހުވާގެ އިޤުރާރުގައި ސޮއިކުރަންވާނެއެވެ.