ޚަބަރު

ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގެ ތިންވަނަ ރާއްޖެއަށް


ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓީމުން ތިންވަނަ ހޯދައިފިއެވެ.

ނޭޕާލްގައި ޖުލައި މަހުގެ 30 އިން 31 އަށް ކުރިޔަށްދިޔަ މި ކޮލިފިކޭޝަންގައި ވާދަކުރީ ރާއްޖެ އާއި އާއި އިންޑިއާ އާއި ނޭޕާލް އާއި ބަނގްލަދޭޝް އަދި ސްރީލަންކާއެވެ.

އަންހެން ޓީމުތަކުން ވާދަކުރި މެޗުތަކުގެ ތެރެއިން ރާއްޖެއިން ސްރީލަންކާއާއި ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބުކުރީ ސްރީލަންކާއިންނެވެ. އިންޑިއާއި ރާއްޖެ ބައްދަލުކުރި މެޗު 3-0 ސެޓުން ކާމިޔާބުކުރީ އިންޑިއާއިންނެވެ. ރާއްޖެ އާއި ބަނގްލަދޭޝް ބައްދަލުކުރި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ރާއްޖެއިންނެވެ. ނޭޕާލް އާއި ރާއްޖެ ބައްދަލުކުރި މެޗު 3-0 ސެޓުން ކާމިޔާބުކުރީ ނޭޕާލުންނެވެ.

ފިރިހެން ޓީމުތަކުން ވާދަ ކުރި މެޗުތަކުގެތެރެއިން ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުން 3-1 ސެޓުން ކާމިޔާބުކުރީ ރާއްޖެއިންނެވެ. އިންޑިއާއި ރާއްޖެ ބައްދަލުކުރި މެޗު 3-0 ސެޓުން ކާމިޔާބުކުރީ އިންޑިއާއިންނެވެ. ރާއްޖެ އާއި ބަނގްލަދޭޝް ބައްދަލުކުރި މެޗުން 3-2 ން ކާމިޔާބުކުރީ ބަނގްލަދޭޝްއިންނެވެ.

މި މުބާރާތުގައި ރާއްޖެއިން ވާދަކުރި ފިރިހެން އެތުލީޓުންނަކީ މޫސާ މުންސިފް އަހުމަދު، މުހައްމަދު ޝައްފާން އިސްމާއިލް، އަޚްޔަރް އަހުމަދު ޚާލިދު އަދި މުހައްމަދު ޒީސްތް ނަސީމެވެ.

އަންހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އާއި އައިޝަތު އަލްސާ ނާފިޒެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް މި ޓޯނަމަންޓްގައި އިރުޝާދުދިން ކޯޗަކީ މަހްދީ ކޮޝްމަރަމް އެވެ. ރާއްޖޭ ޓީމުގެ މެނޭޖަރަކީ އަހުމަދު ޝާޒިލްއެވެ.

ވޯލްޑް ޗެމްޕިއަންޝިޕް 2026 އޮންނާނީ އަންނަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.