ވައި ބާރުވާނެކަމަށް ލަފާކޮށް އުތުރާ މެދުރާއްޖެތެރޭގެ ހުރިހާ އަތޮޅަކަށް ހުދު ސަމާލު، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފިއެވެ.
މި ސަމާލު ނެރެފަވަނީ މެންދުރު 01:15އިން ފެށިގެން އިރުއޮއްސި 06:00އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި އާންމުގޮތެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރައިން ވިދާޅުވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 5-7 ފޫޓާ ދެމެދުގެ އުސްމިނުގައިކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
ވައި ގަދަވާނެތީ ސަމާލު ނެރެފަވަނީ ހއ.އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދުގެ އަތޮޅުތަކަށެވެ. މޫސުމާބެހޭ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އުތުރުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެކަމަށެވެ.
ނިމުނު ހަފްތާއަކީ ވައިގަދަވެ ވިއްސާރަކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށްވެސް މޫސުން ގޯސް ހަފްތާއެކެވެ. ވޭތުވެދިޔަ ހަފްތާގަވެސް އާދަޔާ ޚިލާފަ ވައި ގަދަވެ، އުދަ އެރުމާ އަދި ބައެއް ގެއްލުންތައް ލިބިފަވެއެވެ. އަދި ކަނޑުމަތީގެ ނުރައްކާތެރި ބައެއް ޙާދިސާތައްވެސް ހިނގާފަވެއެވެ.
ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެތީ، ކަނޑުމައްޗަށް ނިކުންނައިރު ޚާއްސަކޮށް މޫސުމަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.