މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 100 އަށްވުރެ ގިނަ ބުޅާ ނަގާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ދަނީ މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންގުޅުމަށް ސަރުކާރުން ހަދާފައިވާ އޮޅުހިޔާގައި ޚިދުމަތްތައް ޤާއިމުކޮށް އެތަން ފުރިހަމައަށް ހިނގުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.
ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އޮޅުހިޔާ ހިނގަން ފަށައިގަނެވުނުއިރު، އެތަނުގައި ކަރަންޓީން ކުރެވޭނެ ވަސީލަތެއް ނެތްކަމަށެވެ. އެހެންކަމުން ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވެއްދުނުކަމަށެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން ބުޅާތައް ވަނީ ފެސިލިޓީއަށް ނަގާފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، ފެސިލިޓީއަށް ބުޅާތައް ނަގަން ފެށުމުން ކަރަންޓީނު ފެސިލިޓީގެ ޖާގަ ކުޑަވެފައިވާކަމަށެވެ. އެހެންކަމުން މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭނެ ގޮތަށް ޖާގަ އިތުރުކުރެވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެގޮތުން މިހާރު ކަރަންޓީނު ކުރުމުގައި ދިމާވާ ދަތިތައް ހައްލުވާނެކަމަށް ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެ. އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާންޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ބުޅާތައް ނެގުމުގެ މަސައްކަތްކުރާއިރު މިވަގުތުވެސް އޮޅުހިޔާގައި 122 ބުޅާ ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކޮށިތަކަށް ބަދަލުކޮށްފައިވާ ބުޅާތަކާއި މިހާރުވެސް ކަރަންޓީނުގައި ތިބި ބުޅާތައް ހިމެނެއެވެ.
މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގާއިމްކުރި އޮޅުހިޔާ ހުޅުއްވައި ދެއްވީ މިދިޔަ ނޮވެންބަރުމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިތަން ހުޅުވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.
އޮޅު ހިޔާއަކީ މަގުމަތީގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ. މިއާއެކު ބުޅަލުގެ ސަބަބުން ރަށުތެރެއާއި މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، އޯގާތެރިކަމާއި އަޅާލުމާއެކު ބުޅާތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.