ދޯންޏެއް ފަރަށް އަރައި ހާލުގައި ޖެހުނު 3 މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.
މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ''އަލްމަޖްރާ'' ދޯނި، ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށައަޅާފަވަނީ ފަތިހު 5:34 ހާއިރުއެވެ.
ފުލުހުން ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި 3 މީހުން ހާލުގައި ޖެހިފައި، ފަރުމަތީގައި ތިއްބައި ވަނީ ފެނިފަވާކަމަށެވެ. އަދި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރުވަނީ ފެލިދޫއަށް ގެންގޮސްފަވާކަމަށާއި، 3 މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.
މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވޭ. pic.twitter.com/OqxyOIafDR
— Maldives Police (@PoliceMv) August 3, 2025
ދޯނިން ދަތުރުކުރީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެ މީހުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފަރަށް އަރައި ލިބުނު ގެއްލުންތަކާއި ގުޅިގެން ދޯނި އަޑިއަށް ގޮސް، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ތ. އަތޮޅަށް ދަތުރު ކުރި ދޯންޏއް ފަރަށް އަރާފައިވާއިރު، އިއްޔެ ހއ.މަނަފަރުން ތިލަފުއްޓަށް ދަތުރުކުރި ދޯންނެއްވެސް ވަނީ ފަރަށް އަރާފައެވެ. އެ ދޯނީގައި 3 މީހުންނަށް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގަ ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރުން ފެށިގެން ތ. އަތޮޅާއި ހަމައަށް ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރު ފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވައިފިއެވެ.