ޚަބަރު

ނޫސްވެރިކަމުގެ އިނާމް: ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި


  • ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 12

  • 14 ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމް ދޭނެ

ބާރަ ވަނަ ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް މީޑިއާ ކައުންސިލުން ހުޅުވާލައިފިއެވެ.

މި ޕޫލަކީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަސައްކަތްތައް ކުރާ ފަނޑިޔާރުންގެ ޕޫލެވެ.

މިކަމަށް އެދި ހުށައަޅާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި މީޑިއާ ނުވަތަ ޖާރނަލިޒަމް ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވާންޖެހޭނެއެވެ.

މީގެއިތުރުން ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވާންޖެހޭނެއެވެ. އަދި ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާންވާނެކަމަށް މީޑިއާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މިކަމަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ އަދި ވީޑިއޯ ޖަރނަލިޒަމް ކެޓަގަރީން 14 ދާއިރާއަކަށް ކުރިމަތިލުމަށް ހުޅުވާލާލިއެވެ.