އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިގޮތަށް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުއްވި ޤަރާރުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވަނީ އަރިއަތޮޅު އުތުރުބުރީ މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ކަނޑައަޅައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އަރިއަތޮޅު އުތުރުބުރީގައި އޮންނަ "ރަންފަރު" ފަޅަކީ އެ އަތޮޅުގެ "މާޅޮސް" ގެ ބައެއްކަމުގައި، ކަނޑައަޅުއްވައިދެއްވާފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ "ރަންފަރު" ފަޅަކީ އެ އަތޮޅުގެ "މާޅޮސް" ގެ ބައެއްގެ ގޮތުގައި އިތުރުކުރައްވައި، އަރިއަތޮޅު އުތުރުބުރީ "ރަންފަރު" ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނާފައިވާ މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި އިތުރުކޮށްފައިވާކަމަށެވެ.
އަރިއަތޮޅު އުތުރުބުރީ މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ކަނޑައަޅައިދެއްވުމަކީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް، ޑިސެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، އއ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.