ޚަބަރު

އަލިމަސްޔޫބީލް ފާހަގަކުރުމަށް އެކުލަވާލި ކޮމިޓީގެ ޗެއާމަނަކަށް ސުޒެއިން


ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ ޗެއާމަނަކަށް ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން ހަމަޖައްސައިފިއެވެ.

އެފްއޭއެމްގެ އައު ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވަނީ މިއަހަރަކީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރޭ އަހަރުކަމަށްވާތީ އެކަން ކުލަގަދަކޮށް ފާހަގަކުރުމުގެ މަގްސަދުގައި އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަމަށް ހާއްސަ ކޮމިޓީއެއް “ޑައިމަންޑް ޖުބުލީ ކޮމިޓީީ” ގެ ނަމުގައި އުފެއްދުމަށެވެ.

އަދި އެ ކޮމިޓީ އުފައްދާ ކުލަގަދަކޮށް މިކަން ފާހަގަކުރުމުގެ ކަންކަން ވިލަރެސް ކުރާ ކޮމިޓީގެ ޗެއާމަނަކަށް ޤައުމީ ޓީމުގެ ކުރީގެ ކޯޗު ސުޒެއިން ހަމަޖައްސާފައިވާއިރު ޑައިމަންޑް ޖުބުލީ ކޮމިޓީ އުފައްދާފައިވަނީ އެޑްހޮކް ކޮމިޓީއެއްގެ ގޮތުގައެވެ. ޑައިމަންޑް ޖުބިލީ ކޮމިޓީ އެކުލަވާލާފައި ވަނީ ކުލަބުތަކުން ނަން ފޮނުވައިގެންނެވެ.

ޑައިމަންޑް ޖުބުލީ ކޮމިޓީގައި ހިމެނޭ މެންބަރުން:

  • ޗެއާމަން: އަލީ ސުޒެއިން، ގައުމީ ޓީމުގެ ކުރީގެ ކޯޗު
  • ވައިސް ޗެއާމަން: އަހުމަދު މުބީން، ނިއު ރޭޑިއަންޓުގެ ޗެއާމަން
  • ޢަބްދުالله އަޒްމީން، ކުލަބު ވެލެންސިއާގެ ޗެއާމަން
  • އަޙްމަދު ލަތީފް މުޙައްމަދު، ދިއްދޫ ދާއިރާގެ މެންބަރު

ދިވެހި ފުޓްބޯޅައަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު އަންނަ އަހަރުގެ ޖޫންމަހު އަލިމަސްޔޫބީލް ފާހަގަ ކުރުމަށް ހާއްސަ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.