ޚަބަރު

ގެދޮރުވެރިޔާ ސްކީމަށް އަލުން ހުޅުވާލި ކަމަށް ބުނެ ސްކޭމް މެސެޖްތަކެއް، ސަމާލުވޭ!


  • ފޮނުވާ ސްކޭމް މެސެޖުގައި ލިންކެއް ހިމަނާފައިވޭ

  • އެންޓި ސްކޭމް ސެންޓަރަށް ވަގުތުން ރިޕޯޓުކުރުން މުހިއްމު

ގެދޮރުވެރިޔާ ސްކީމަށް އަލުން ފުރުޞަތު ހުޅުވާލި ކަމަށް ބުނެ، ސްކޭމް މެސެޖެއް ފޮނުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ ސްކޭމް މެސެޖުގައި ގެދޮރުވެރިޔާ ސްކީމަށް ކުރިންލާފައިވާ ފޯމުތައް ބާތިލުކޮށް އަލުން ފޯމުލުމުގެ ފުރުޞަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭ ގޮތަށް ހުޅުވާލައިފި ކަމަށް ބުނެފައިވާ ކަމަށްށެވެ.

މީގެ އިތުރުން ފޯމު ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ ފޮނުވާ ސްކޭމް މެސެޖުގައި ލިންކެއްވެސް ވަނީ ހިމަނާފައެވެ.

..

ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށް އެންޓި ސްކޭމް ސެންޓަރުންވެސް ވަނީ ވިދާޅުވެފައެވެ.

އަދި ޝައްކު އުފެދޭނަމަ، އެކަމެއް ޔަޤީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ އެންޓި ސްކޭމް ސެންޓަރަށް ވަގުތުން ރިޕޯޓުކުރުމަށް އެސެންޓަރުންވަނީ އެދިފައެވެ.

ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ބުނެއެވެ.