ރިޕޯޓް

ޔޫތް ޗެލެންޖް 2016 - ޒުވާނުންނަށް ހިނިތުންވުން ގެނެސްދީފި


"ޔޫތު ޗެލެންޖް 2016" ވެފައިވަނީ ވަޒީފާގެ ފުރުޞަތުތަކާއި، މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް އެދިއެދި ތިބި އެތަކެއް ޒުވާނުންތަކެއްގެ މޫނު މައްޗަށް ހިނިތުންވުން ގެނުވި ފެއަރ އަކަށެވެ. އަދި އެކި ކަހަލަ ވިޔަފާރި ކުންފުނިތަކަށާއި، ސަރުކާރު މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ޒުވާނުންނަށް ފޯރުކޮށްދިން ވަރަށްވެސް ބޭނުންތެރި ފެއަރއަކަށެވެ. img:http://s2.psmnews.mv/images/660x400/14705502535662.jpg|"ޔޫތް ޗެލެންޖް 2016"ގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ، ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސް ކޮށްދެއްވުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޢަމާޒެކެވެ. އަދި މި ޢަމާޒު ހާޞިލުކުރެއްވުމަށްޓަކައި، ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން "ދަ އޮޕޮޗުނިޓީ ޕޫލް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދެވި "ޔޫތް ޗެލެންޖް 2016" ވެފައިވަނީ މިދެންނެވި ކަހަލަ ވަޒީފާގެ ފުރުޞަތުތަކާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ބޭނުންވެފައިތިބި އެތަކެއް ޒުވާނުންނަށް ހުޅުވިގެންދިޔަ ރަނުގެ ފުރުޞަތަކަށެވެ. ގާތްގަނޑަކަށް 8،000 ވުރެ ގިނަ ޒުވާނުން ޒިޔާރަތްކުރި މިފެއަރ ކުރިއަށްދިޔަ ވަގުތު، ފެނިގެންދިޔައީ އެކި އުމުރުފުރާގެ ޒުވާނުން، ތަފާތު ސްޓޯލްތަކަށް ޒިޔާރާތްކޮށް، ޝައުޤުވެރިކަމާއެކު، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، އެތަންތަނުގައި ހުރި ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ސާފުކުރަމުންދިޔަ މަންޒަރެވެ. img:http://s2.psmnews.mv/images/660x400/14705505528201.jpg|"ޔޫތް ޗެލެންޖް 2016"ގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މިއީ އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވެފައިތިބި، ޒުވާނުންނަށް ލިބުނު އަގުހުރި ފުރުޞަތެއް ކަމަށާއި، މިފަދަ ފެއަރއެއްގެ ސަބަބުން، ކުރިމަގު ބައްޓަންކުރަންވީގޮތުގެ ވަރަށް ފުރިހަމަ މަޢުލޫމާތު ލިބިގެންދިޔަކަން ފެއަރއަށް ޒިޔާރާތްކުރި ބައެއް ޒުވާނުންނާއި ވާހަކަދައްކާލުމުން އެ ފަރާތްތަކުން ކިޔައިދިނެވެ.

"އަސްލު ޒުވާނުންނަށް ވަރަށް ބޮޑު ފައިދާއެއްވާނެ. މިސާލަކަށް ބުނާނަމަ އެތައް ބައިވަރު ޖޮބްތަކެއް ހަމަ ހުޅުވިގެންދާކަމެއް އެއީ ދެން އަނެއްކޮޅުން އާ އެތައް ބައިވަރު އޮޕޮޗުނިޓީތަކެއް ހުންނާނެދޯ؟" ޒުވާނަކު ކިޔައިދިނެވެ. އެހެން ޒުވާނަކު ބުނީ މިފަދަ ފެއަރތައް ބޭއްވުން ވަރަށް ބޭނުންތެރި ކަމަށެވެ. "އެކި މީހުންގެ ހުނަރުތައް ދައްކާލެވޭ ކަހަލަ ފެއަރ އެއްވީމަ ވަރަށް ބޭނުންތެރި މިކަހަލަ ފެއަރ އެއް." އޭނާ ބުންޏެވެ.

"މިފެއަރގެ ސަބަބުން ޒުވާނުންނަށް ކެރިއަރ ބިލްޑްކުރަން އަދި ވަޒީފާގެ މައިދާނަށް ނުކުންނަން އަދި ބޭނުންވާ ފީލްޑް ހަމަ ޗޫޒްކޮށްލަން ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެ." މިފެއަރއަށް ޒިޔާރަތްކުރި ޒުވާނަކު ކިޔައިދިނެވެ. img:http://s1.psmnews.mv/images/660x400/14705507436574.jpg|"ޔޫތް ޗެލެންޖް 2016"ގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ޔޫތް މިނިސްޓްރީން ހުޅުވާލެއްވި މި ފުރުޞަތުގެ ބޭނުން އެންމެ ބޮޑަށް ހިފި އެއް ބަޔަކީ ސަރުކާރު މުއައްސަސާތަކާއި، ވިޔަފާރި ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކެވެ. އެގޮތުން ރާއްޖޭގެ ބައެއް ނަން މަޝްހޫރު ތަޢުލީމީ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، ބައެއް އަމިއްލަ ވިޔަފާރިވެރިންނާއި، އަދި ހިލޭ ސާބަހަށް މަސައްކަތްތްކުރާ ޖަމްޢިއްޔާތަކުން މިފަހަރުގެ ފެއަރގައި ބައިވެރިވެ، ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްޞާކޮށްފައެވެ. މިއީ ޒުވާނުން ބާރުވެރިކުރުވާ، ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ އިތުރުކުރުމަށް ހިންގުނު މުހިއްމު ޙަރަކާތެއްގެ ގޮތުގައި މި ފެއަރގައި ބައިވެރިވި ފަރާތްތަކުން ސިފަކުރެއެވެ. img:http://s3.psmnews.mv/images/660x400/14705509459756.jpg|"ޔޫތް ޗެލެންޖް 2016"ގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ޔޫތް ޗެލެންޖް 2016 ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި ފެއަރގެ ތެރެއިން ޒުވާނުންނަށް އެކި ކަހަލަ އަގުހުރި އިނާމްތަކެއް ހުށައެޅިގެން ދިޔަކަންވެސް ފާހަގަ ކޮށްލެވެއެވެ.