ޚަބަރު

"ކުޅިވަރުގައި ޓީމު މެނޭޖްމެންޓާއި ހަރުދަނާ ހިންގުމުގެ ނިޒާމެއް އޮތުން މުހިންމު"


ކުޅިވަރުގައި ޓީމު މެނޭޖްމެންޓާއި ހަރުދަނާ ހިންގުމުގެ ނިޒާމެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް އިންސްޓިޓުޓް ފޯ ސްޕޯޓްސް އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ގުޅިގެން ކުރިޔަށް ގެންދާ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރސް އެންޑް މެނޭޖްމެންޓް ކޯސް ފެށުމުގެ ގޮތުން އިއްޔެ ހެންވޭރު ބޯޅަގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސެޓިފިކެޓް 1 އިން ސްޕޯޓްސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް ކޯސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކުޅިވަރު ވަޒީރުވަނީ ބައިވެރިންނަށް ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

އަދި މި ކޯހުން ދަސްވާ މައުލޫމާތުތައް އަމަލީގޮތުން ދައްކާ ކުޅިވަރު އިދާރާތައް ހިންގުމުގައި ހަރުދަނާ އުސޫލުތައް ގެންގުޅެ އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ މުހިންމުކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މެނޭޖްމެންޓް ލެވެލްގައި ހަރަކާތްތެރިވާނެ ސްޕޯޓްސް އެޑްމިނިސްޓްރޭޓަނުން ތަމްރީނު ކުރުމަށް ހިންގާ މި ކޯހުގައި ޖުމްލަ 43 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ކޯސް ކުރިޔަށް ގެންދާނީ އޯގަސްޓް 9 ން ސެޕްޓެމްބަރު 8 ގެ ނިޔަލަށް މާލޭގައެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން ތަމްރީނުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާ ކުޅިވަރުގެ ރީޖަނަލް އެސޯސިއޭޝަންތަކުގެ މަސައްކަތްތައް އަވަހަށް ފެއްޓުމަކީ ކުޅިވަރު ވުޒާރާއާއި ސްޕޯޓްސް ކޮމިޝަނަރގެ އޮފީހާއި އޮލިމްޕިކް ކޮމިޓީން ނުހަނު އިސްކަންދޭ ކަމެކެވެ.

އަދި ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން ތަމްރީނުކޮށް ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމަކީ މި ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ 20 އަހަރު ދުވަހުގެ ކުޅިވަރުގެ ދިގުރާސްތާ ޕްލޭނުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގެ ހުރިހާ ކުޅިވަރެއްވެސް އަތޮޅުތެރެއަށް ފުޅާކޮށް ކުޅިވަރު ލާމަރުކަޒު ކުރުމަކީ މިހާރު އަމަލުކުރަމުން އަންނަ ކުޅިވަރު ގާނޫނުން ލާޒިމުކުރާ ކަމެކެވެ. ކުޅިވަރުގައި އިތުރު ކާމިޔާތައް ހޯދުމަށް ރަށްރަށުގައި އުފައްދާ ކުޅިވަރު އިދާރާތަކުން މުހިންމު ދައުރެއް އަދާކުރާނެއެވެ.

އަދި ރަށްރަށުން މޮޅެތި އެތުލީޓުން އުފައްދާ ޤައުމީ ކުޅިވަރު ފަންޑުން އެ އެތުލީޓުންނަށް ފަންޑުކޮށްގެން މަތީ ފަންތީގެ މުބާރާތްތަކުން ރާއްޖެއަށް މެޑަލްތައް ހޯދުމަކީ ކުޅިވަރުގެ ދިގު ރާސްތާއި ޕްލޭންގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެކެވެ.