ދުނިޔެ އާއި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެމުން އައި ބަލޮންޑޯ އެވޯޑުގެ އަގުވެއްޓިއްޖެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަކީ މި އެވޯޑް ދެ ވަނަ އަށް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އެވެ. ޖުމުލަ ފަސް ފަހަރު އޭނާ ވަނީ މި އެވޯޑް ހާސިލް ކޮށްފަ އެވެ. ނަމަވެސް ރޮނާލްޑޯ އެވޯޑަށް ފާޑުކިއުން އޮއްސާލީ މި އަހަރުގެ އެވޯޑަށް ވާޑަކުރާ 30 ކުޅުންތެރިންގެ ލިސްޓުގައި އޭނާގެ ނަން ނެތުމުންނެވެ. މިއީ ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ގަދަ 30ގައި ނުހިމެނު ތިން ވަނަ ފަހަރެވެ. ނަމަވެސް އޭނާ ވަނީ ގައުމީ ޓީމާއި ކުލަބުގައި ހުސްވި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މިހެންވެ ރޮނާލްޑޯ ބުނީ "އެއީ ވަކިގޮތަކަށް ނިންމާފައި،" އޮންނަ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ދެއްކި ހުސްވި އަހަރުގެ އެވޯޑް ބްރެޒިލް އާއި ރެއާލް މެޑްރިޑްގެ ވިނީޝިއުސް އަށް ނުދިނުމެވެ. ހުސްވި އަހަރު ބަލޮންޑޯ އެވޯޑް ލިބުނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މެންޗެސްޓާ ސިޓީ އާއި ސްޕޭނުގެ މިޑްފީލްޑަރު ރޮޑްރީ އެވެ. ނަމަވެސް ފީފާގެ ދަ ބެސްޓް ލިބުނީ ރެއާލް މެޑްރިޑްގައި މޮޅަށް ކުޅެ އެ ކުލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ވިނީޝިއުސް އެވެ.
"އަހަރެން ދެކޭ ގޮތުގައި ހުސްވި އަހަރު އެވޯޑް ލިބެންވާނީ ވިނީޝިއުސް އަށް. މިހާރު އޭގެ އަގެއް ނެތް. އަހަރެން މިހުރީ ވަރަށް ރުޅި އައިސްފައި،" ރޮނާލްޑޯ ބުންޏެވެ.
ބަލޮންޑޯ އެވޯޑް އެންމެ ގިނައިން ލިބިފައިވަނީ ރޮނާލްޑޯއާ އެންމެ ވާދަވެރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށެވެ. އެއީ 8 ފަހަރެވެ.