އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޯފްގައި މާދަމާ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ އިމްތިހާނެއް ކަމަށް ކުވޭތގެ އަލް އަރަބީ ޓީމުން ބުނެފި އެވެ.
ކޯޗު މާކޯ އަލްވެސް ބުނީ އަބޫދާބީގައި ކޭމްޕްކޮށްގެން ތިބެ ކުޅުނު މެޗުތަކަށް ފަހު ޓީމު ޓެސްޓްކޮށްލަން ލިބޭ ފުރުސަތު ކަމަށެވެ. މާޒިޔާއާ ދެކޮޅަށް ކުޅެން އަރަބީ ޓީމު އައީ އަބޫދާބީގައި އެކުވެރިކަމުގެ ތިން މެޗު ކުޅުމަށް ފަހު އެވެ. މި ތިން މެޗުން ވެސް ވީ ބައްޔެވެ. ނަމަވެސް ކޯޗު ބުނީ މި މެޗުތަކުގައި ހުރިހާ ކުޅުންތެރިންނަށް ވެސް ކުޅެން ފުރުސަތުދީފައިވަނީ ސަބަބުތަކެއް ހުރެގެން ކަމަށެވެ.
"ރޮޓޭޓް ކުރީ ކުޅުންތެރިން ދަސް ކުރަން. އެމީހުންގެ ހުނަރާއި އެމީހުންގެ މޮޅު ދެރަ ކަންކަން ދެނެގަތުމަށް. ޔޫއޭއީ ޓީމުތަކަކީ ވަރަށް ވަރުގަދަ ޓީމުތަކެއް. އެ ޓީމުތަކުގައި ބިދޭސީ މޮޅު ކުޅުންތެރިން އެބަތިބި. އަހަރުމެން ގަދަ ޓީމުތަކަކާއެކު މެޗުތަކެއް ކުޅުނީ ޓީމުގެ އަސްލު ފެންވަރު ވަޒަންކޮށް ކަންކަން ރަނގަޅު ކުރަން،" ކޯޗު ބުންޏެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ޓީމާ ހަވާލުވި ޕޯޗުގަލްގެ ކޯޗު ބުނީ މި މެޗުތަކަށް ފަހު އަރަބީ ޓީމު އޮތީ މާޒިޔާ މެޗު ކާމިޔާބު ކުރަން ތައްޔާރުވެގެން ކަމަށެވެ.
"މިއީ އަހަރުމެންގެ ފުރަތަމަ ޓެސްޓް. އަހަރުމެން މިވަނީ މާޒިޔާއާ ދެކޮޅަށް ކުޅެ މޮޅުވާން ވަރަށް ބޮޑަށް ތައްޔާރުވެފައި. މި މުބާރާތުގެ އަނެއް ބުރަށް މި މެޗަށް ފަހު ދިއުމަށް އެންމެން ވެސް މި ތިބީ ތައްޔާރުވެގެން،" ކޯޗު ބުންޏެވެ.
މި ދެ ޓީމު ވަނީ ހުސްވި އަހަރު ކުވޭތުގައި ކުޅުނު ޗެމްޕިއަންސް ލީގު ގްރޫޕް ފިޔަވަހީގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗުން މާޒިޔާ ބަލިވީ 2-0އިންނެވެ.
މި ޓީމު މާލެ އައީ އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު މިޑްފީލްޑަރެއް ކަމަށްވާ އަލީ ހަލަފް ނުލަ އެވެ. އޭނާ ނެތް ނަމަވެސް އަރަބީ ޓީމުގައި ކުވޭތުގެ ގައުމީ ޓީމުގެ ހަ ކުޅުންތެރިންނާއި ބިދޭސީ ހަ ކުޅުންތެރިން އެބަތިއްބެވެ. އެއީ ސީރިއާގެ އާއި ޔުގެންޑާގެ ދެ ޑިފެންޑަރުންނާއި ނައިޖީރިއާ އާއި ދެ ފޯވަޑުންނާއި ފްރާންސާއި އިރާނުގެ ދެ މިޑްފީލްޑަރުންނެވެ. މީގެ ތެރެއިން ފްރާންސްގެ މިޑްފީލްޑަރުގެ ކުޅުން ގޯސްކަމުން އޭނާ ދޫކޮށްލަން ވަނީ ނިންމާފަ އެވެ.