ކުޅިވަރު

މާޒިޔާއާ ދެކޮޅަށް އަރަބީ މާލެ އައީ މުހިންމު ކުޅުންތެރިއަކު ބަހައްޓާފައި


ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ކުޅެން ކުވޭތުގެ އަލް އަރަބީގެ މުހިންމު އެޓޭކިން މިޑްފީލްޑަރަކު ބަހައްޓާފައި މާލެ އަތުވެއްޖެ އެވެ.

މި ދެ ޓީމު މާދަމާ ގަލޮޅު ދަނޑުގައި ކުޅޭ މެޗަކީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޯފް މެޗެކެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖަށް ދެވޭނީ މި މެޗު ކާމިޔާބު ކުރާ ޓީމަކަށެވެ.

ހުސްވި އަހަރުގެ މުބާރާތުގެ ސެމީ ފައިނަލް ކުޅުނު ޓީމުގެ މިޑްފީލްޑަރު އަދި ކުވޭތު ގައުމީ ޓީމަށް ވެސް ކުޅޭ އަލީ ހަލަފް މި މެޗަށް ނައީ އޭނާ އަށް ލިބިފައިވާ އަނިޔާ އަކަށް ފަރުވާ ހޯދަމުންދާތީ އެވެ. ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅުވާން 10 ދުވަސް ނަގާނެ ކަމަށް އެ ޓީމުން ވަނީ މައުލޫމާދުދީފަ އެވެ.

އުމުރުން މިހާރު 30 އަހަރުގެ ހަލަފް ވަނީ އަރަބީ އަށް ކުޅެދިން 78 މެޗުގައި 14 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ ކުވޭތުގެ ގައުމީ ޓީމަށް 22 މެޗުން އެއް ގޯލު ޖަހައިފަ އެވެ.

ހަލަފް ނެތް ނަމަވެސް އަރަބީ ޓީމުގައި ކުވޭތުގެ ގައުމީ ޓީމުގެ ހަ ކުޅުންތެރިންނާއި ބިދޭސީ ހަ ކުޅުންތެރިން އެބަތިއްބެވެ. އެއީ ސީރިއާގެ އާއި ޔުގެންޑާގެ ދެ ޑިފެންޑަރުންނާއި ނައިޖީރިއާ އާއި ދެ ފޯވަޑުންނާއި ފްރާންސާއި އިރާނުގެ ދެ މިޑްފީލްޑަރުންނެވެ. މީގެ ތެރެއިން ފްރާންސްގެ މިޑްފީލްޑަރުގެ ކުޅުން ގޯސްކަމުން އޭނާ ދޫކޮށްލަން ވަނީ ނިންމާފަ އެވެ.

އަރަބީ މާލެ އައީ އަބޫދާބީގައި ކޭމްޕްކޮށް ތިން މެޗު ކުޅުމަށް ފަހު އެވެ. މި ގޮތުން އަލް ބަނިޔާސް އާއި ހައްޓާ އަދި އަލްވަހުދާއާއެކު ކުޅުނު މެޗުން ތަކުން އަރަބީ ވަނީ ބަލިވެފަ އެވެ.

މި ޓީމު ވާދަވެރި ތިން މެޗު ކުޅުނުއިރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. މީގެ ސަބަބުން މާޒިޔާ އަށް ވާދަވެރި މެޗެއް ކުޅެން ލިބިފައިނުވެ އެވެ.

މި ދެ ޓީމު ވަނީ ހުސްވި އަހަރު ކުވޭތުގައި ކުޅުނު ޗެމްޕިއަންސް ލީގު ގްރޫޕް ފިޔަވަހީގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗުން މާޒިޔާ ބަލިވީ 2-0އިންނެވެ.