ޚަބަރު

މިއަހަރުގެ މިހާތަނަށް 16 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 16 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިއަހަރުގެ މިހާތަނަށް އަތުލައިގަނެވިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސުން ހާމަކުރައްވައިފިއެވެ.

އެއިދާރާއިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތިވެސް ހިމެނޭކަމަށެވެ. މިގޮތުން މެތަފެޓަމައިންގެ ނުވަސަތާކައަށްވުރެ ގިނަ ޓެބްލެޓް އަތުލައިގަނެވިފައިވާ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް އަތުލައިގަނެވުނު މަސްތުވާތަކެތި އަތުލައިގެންފައިވަނީ އެ އިދާރާއިން ހިންގެވި 12 އޮޕަރޭޝަނެއްގައިކަމަށެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ ނުވަދިހަ އިންސައްތައަކީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރަނިކޮށް އަތުލައިގަނެވުނު ތަކެތިކަމަށެވެ.

މި މަހުގެ އެއްވަނަދުވަހުވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގަނެފައިވެއެވެ. ޕާކިސްތާނުން ރާއްޖެ އައި މިމިހާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައިވަނީ އެތެރެހަށީގައި ފޮރުވައިގެންކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި އެމީހާގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އެކްސްރޭކުރައްވައިގެން ބައްލަވައި، ތިރީސް ބުލެޓް ހިރޮއިން އޭނާގެ ހަށިގަނޑު ތެރެއިން ނަގާފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އޭގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ ތިންސަތޭކަ ހަތްދިހަ ހަ ގްރާމު ހުރިކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.