ޚަބަރު

ތުޅާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި


  • ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

  • ތުޅާދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާ

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ތުޅާދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ތުޅާދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާޙުއެވެ. މީގެ އިތުރުން ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާޙިމް އާދިލް ބައިވެރިވެވަޑައިގެންނެވިއެވެ.

ތާޅާދޫގައި ތަރައްޤީ ކުރާ ފުލުހުންގެ މަރުކަޒަކީ ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ފުލުހުންގެ މަރުކަޒުގެ އިތުރުން ޖަލު ގޮޅިތަކާއި ވެހިކަލް ޝެޑެއް ތަރައްޤީ ކުރާނެއެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.