ޚަބަރު

އީޕީއޭގެ ނަން، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ރައީސް ބަދަލުކުރައްވައިފި


  • ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން އިދާރާއެއްގެ ގޮތުގައި އޮތް ހައިސިއްޔަތު ވަނީ ބަދަލުވެފައި

  • މައިގަނޑު މަސައްކަތްތަކަކީ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާއި ގުޅުންހުރި ކަންކަން

ތިމާވެއްޓާއި ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ނަން، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ބަދަލުކުރައްވައިފިއެވެ.

މިގޮތަށް ބަދަލުކުރައްވާފައިވަނީ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުނެވެ.

މިބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެއިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ.

މިބަދަލު ގެންނަވާފައިވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާއި ގުޅުންހުރި މަސައްކަތްތައް ކަމަށްވާތީ، އެއިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެއިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އީޕީއޭއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ"ގެ ނަމުގައި 18 ޑިސެންބަރ 2008 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިދާރާއެކެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަކީ، 20 މެއި 2012 އާއި ހަމަޔަށް މިނިސްޓްރީ އޮފް ހައުސިންގ، އެންޑް އެންވަޔަރަންމަންޓާ ގުޅިފައިވާ އަދި 21 މެއި 2012 އިން ފެށިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއްލިބިގެން، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައިވަނީ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައެވެ.