ނިއުކާސަލް ޔުނައިޓެޑްގެ ފޯވަޑް އެލެކްޒެންޑަރ އިސާކް ބޭނުންވަނީ އަދިވެސް އެ ކްލަބް ދޫކޮށް ލިވަޕޫލްއަށް ބަދަލުވާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު އިސާކް ގަތުމަށް ލިވަޕޫލް އިން 110 މިލިއަން ޕައުންޑުގެ ފީއެއް ހުށައެޅި ނަމަވެސް ނިއުކާސަލް ޔުނައިޓެޑް އިން ވަނީ އެ ހުށައެޅުން ދޫކޮށްލާފަ އެވެ. އަދި އެ ކްލަބުން ބުނެފައިވަނީ އިސާކް ވިއްކާލާނީ 150 މިލިއަން ޕައުންޑުގެ ފީއަކަށް ކަމަށެވެ.
އިސާކް ނިއުކާސަލް ޔުނައިޓެޑް ދޫކޮށް ދާން ބޭނުންވާކަމަށް ބުނެފައިވާތީ އޭނާގެ މުސްތަގުބަލާއި މެދު ގޮތެއް ނުނިމެނީސް އަލުން ޓީމާއިއެކު ފަރިތަކުރުމުގެ ފުރުސަތު ނުދެވޭނެކަމަށް ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ވަނީ ބުނެފަ އެވެ. އަދި އޭނާ މިހާރުވެސް ފަރިތަކުރަމުންދަނީ ޓީމާއި ވަކިންނެވެ.
ޕްރީ ސީޒަންގައި ނިއުކާސަލް ޔުނައިޓެޑް އިން ސިންގަޕޫރާއި ސައުތު ކޮރެއާއަށް ކުރި ދަތުރުގައިވެސް ބައިވެރިވެފައިނުވާ އިސާކް ވަނީ އޭނާ ލިވަޕޫލް އަށް ދާން ބޭނުންވާކަން އެ ކްލަބަށް އަންގާފަ އެވެ. ނަމަވެސް ނިއުކާސަލް އިން ބޭނުންވަނީ އޭނާ ކްލަބުގައި މަޑު ކުރުވުމަށެވެ.
އިސާކް އެ ޓީމު ދޫކޮށްފިނަމަ އެތަން ފޫބެއްދުމަށްޓަކައި ނިއުކާސަލް އިން އެހެން ފޯވަޑެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ. އެގޮތުން ބުންޑެސްލީގާގެ ލައިޕްޒިގްގެ ފޯވަޑް ބެންޖަމިން ސެސްކޯ ހޯދުމަށް އެ ކްލަބުން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑަށް ސޮއި ކޮށްފަ އެވެ.
ކުރިއަށް ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މެޗަށް ނިއުކާސަލް ޔުނައިޓެޑް އިން އެސްޓަން ވިލާ އާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ނިކުންނައިރު އެ މެޗުގައި އިސާކް ފެނުމަކީ ދުރުކަމެކެވެ.
އިސާކް ވަނީ މިދިޔަ ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑަށް ކުޅެދިން 42 މެޗުގައި 27 ލަނޑު ޖަހާފަ އެވެ.