އޭނާއާ މެދު ފްރާންސްގެ ޕެރިސް ސެންޓް ޖަމައިންއިން ކަންތައްތައް ކުރި ގޮތުން ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެ ކަމަށް ބުނެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރޫމާ އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ދޫކޮށްލި މެސެޖްގައި ބުނެފައިވަނީ ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެ ކަމަށާއި އޭނާއާ މެދު ކަންތައްތައ ކުރި ގޮތުން އެވަރަށް ދެރަ ވެއްޖެ ކަމަށެވެ.
ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތް ނަމަވެސް ޕީއެސްޖީން ވަނީ ޑޮންނަރޫމާ އެ ކުލަބުން އެންމެ އަވަހަށް ކުޅެން އޮތް ޔޫއޭފާ ސުޕަ ކަޕް ފައިނަލް މެޗުގެ ސްކޮޑުގައި ނުހިމަނައި ދޫކޮށްލައިފަ އެވެ. މިއީ އޭނާ ބޭނުން ކުލަބަކަށް ބަދަލުވުމަށް ދިން ފުރުސަތެކެވެ.
ޑޮނަރޫމާ އާއި ޕީއެސްޖީ މައްސަލަ ޖެހިގެން އުޅެނީ ކޮންޓްރެކްޓް އައު ކުރުމުގެ ތެރޭގަ އެވެ. އޭނާ އަކީ އެ ކުލަބުގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް ޕީއެސްޖީން މިހާރު ބޭނުންވަނީ 26 އަހަރުގެ ޑޮންނަރުންމާއާ އެކު ކުރިއަށް ދިއުމުގެ ކުރިން އެ ކުލަބުގެ ޕޮލިސީތަކަށް އޭނާ އެއްބަސްވުމަށެވެ. މި ގޮތުން ފުރަތަމަ ކަމަކީ އެ ކުލަބުގެ އައު މުސާރައިގެ އޮނިގަނޑަށް ޑޮންނަރުންމާ އެއްބަސްވުމެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. މި އެއްބަސްވުން އައު ކުރަން ދެ ފަރާތުން މިހާތަނަށް ދެއްކި ވާހަކަތަކަށް ކޮޅެއްގައި ނުޖެހި އޮތީ ވެސް އައު މުސާރައިގެ އޮނިގަނޑަށް ޑޮންނަރުންމާ އެއްބަސް ނުވާތީ އެވެ. ސަބަބަކީ އެ އޮނިގަނޑުގެ ދަށުން އޭނާ އަށް މިހާރު ލިބޭ މުސާރަ ބޮޑުތަކުން ކުޑަވާނެތީ އެވެ.
ޑޮންނަރުންމާ އަކީ ހުސްވި ސީޒަނުގައި ޕީއެސްޖީގެ ތާރީހުގައި އެކުލަބަށް އަލަށް ލިބުނު ބޮޑު ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. ފްރާންސް ކަޕާއި ފްރާންސް ލީގު އަދި ފުރަތަމަ ފަހަރަށް ޔޫރަޕިއަންސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ އޭނާގެ ހުށިޔާރު ކަމާއެކުގަ އެވެ. މިއަށް ފަހު ފީފާ ކުލަބު ވޯލްޑް ކަޕް ފައިނަލަށް އެ ޓީމު ދަތުރު ކުރީ ވެސް އޭނާ ގޯލުގައި ހުރެގެންނެވެ.
ނަމަވެސް ކޮންޓްރެކްޓާ މެދު ގޮތެއް ނުނިމުމުން އެ ކުލަބުން ވަނީ ފުރަތަމަ 11ގައި ކުޅެން ކީޕަރުން ގެންނަން ފަށައިފަ އެވެ. މި ގޮތުން ގެނައި ކީޕަރަކީ ފްރާންސްގެ ލިލްއަށް ކުޅޭ ކީޕަރު ލޫކަސް ޝިވަލިއާ އެވެ. އޭނާ ގެނައީ 40 މިލިއަން ޑޮލަރު ދީފަ އެވެ. މީގެ އިތުރުން ވެސް ބައެއް ކީޕަރުން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޑޮންނަރޫމާ އަށް ޝައުގުވެރިވާ ކުލަބުތަކުގެ ތެރޭގައި އޭނާގެ ގައުމު އިޓަލީ އާއި އިނގިރޭސިވިލާތުގެ ކުލަބުތައް ހިމެނެ އެވެ. އިޓަލީގެ އިންޓަމިލާނުން އޭނާ އަށް ޝައުގުވެރިވި ނަމަވެސް މިހާތަނަށް ބިޑެއް ނުކުރެ އެވެ. އިނގިރޭސިވިލާތުން މިކަމާ އުޅެނީ މެންޗެސްޓާ ގެ ދެ ކުލަބެވެ. މީގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑުން އޭނާ ގަތުމަށް ޕީއެސްޖީއާއެކު ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް ކުޅުންތެރިޔާޣެ މުސާރަ ބޮޑުވުމާއި އޭނާ ވިއްކަން ޕީއެސްޖީ ކިޔާ އަގު 50 މިލިއަން ޔޫރޯ އަށް ވުރެ މަތިވާތީވެ މި ވާހަކަތައް ވަނީ މަޑުޖެހުން އައިސްފަ އެވެ.