ޚަބަރު

ސަޢުދީއަކީ ތަރައްޤީގެ ބޮޑު ބައިވެރިއެއް، ދެޤައުމުގެ ދެމެދުއޮތީ އަޚުވަންތަ ގުޅުމެއް: ޚާރިޖީ ވަޒީރު


  • ރާއްޖޭގެ ބޮޑެތި މަޝްރޫޢުތަކަށް ސަޢުދީ ސަރުކާރުން ދަނީ ގިނަ އެހީތަކެއްވަމުން

  • މިސަރުކާރުން ސަޢުދީއާއެކު 7 ބައްދަލުވުމެއް ބާއްވާފައިވޭ

ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ ބޮޑު ބައިވެރިއެއްކަމަށާއި ދެ ޤައުމުގެ ދެމެދު އޮތީ އަޚުވަންތަ ގާތް ގުޅުމެއްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް، ޚާރިޖީ ވަޒީރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއާއެކު އޮތް ގުޅުން ކުރިއަށްވުރެ މިހާރު މާ ވަރުގަދަ ކަމަށެވެ. އެގޮތުން ދާދިފަހުން ހުޅުވި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ސަޢުދީ ފަންޑުގެ ވަރަށް ބޮޑު ހިއްސާއެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ޓަރމިނަލް އެޅުމަށް މާލީ ދަތިކަމެއް އައުމާއެކު، ފަންޑު ހޯދުމަށް ސަޢުދީ ސަރުކާރާއެކު ކުރީ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އެކަން ހަމަނުޖެހުނު ކަމަށާއި މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިސަރުކާރު ވެރިކަމާ ހަވާލުވިފަހުންކަމަށް ވަޒީރު ވިދާޅުވިއެވެ. ޓަރމިނަލް އެޅުމަށް ކުރިމަތިވި މާލީ ދަތިކަމަށް ހައްލު ހޯދުމަށް އިތުރު 17 މިލިޔަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ރާއްޖެއާއި ސަޢުދީ ސަރުކާރާއެކު ސޮއިކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދަނީ ވަރުގަދަވަމުން ކަމަށެވެ. އެގޮތުން މިދިޔަ ދައުރުގައި ރާއްޖޭގެ އިސްވެރިން ސަޢުދީއަށް 6 ފަހަރު ވަޑައިގެން، 6 ބައްދަލުވުމެއް ބޭއްވިއިރު، މި ސަރުކާރަށް މިވީ ދޮޅު އަހަރުގެ ތެރޭގައި 7 ފަހަރު ސަޢުދީއަށް ވަޑައިގެން 7 ބައްދަލުވުމެއް ބާއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ޚާއްސަކޮށް ފާހަގަކޮށްލަން ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ޙައްޖަށް ވަޑައިގެންނެވިއިރު، ސަޢުދީގެ ވަލީ އަހްދާ ބައްދަލުކުރެއްވި. ދެ ބޭފުޅުންގެ ދެމެދު ވަރަށް ޚާއްސަ މަޝްވަރާތަކެއް ކުރެއްވި. ދުވަހަކަށްވުރެ ދުވަހެއްދަނީ ސަޢުދީއާއެކު އޮތް ގުޅުން ވަރުގަދަވަމުން. ފައިސާއިން ބެލިޔަސް، މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، 3 މިލިޔަން ޑޮލަރުގެ އެހީއެއް ސަރުކާރުން ދެއްވި." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވަމުން ގެންދަވަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އޭގެ ނަތީޖާއަކީ ޢަރަބި އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިވެ، ފަލަސްޠީނުގެ ދިފާޢުގައި އެންމެ ވަރުގަދައަށް މަސައްކަތްކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ބައިނަލްއަޤުވާމީ މުޖުތަމަޢުތަކުން ބަލައިގަތުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އިސްރާޢީލު ޕާސްޕޯޓް މަނާކުރީވެސް މި ސިޔާސަތުގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ސަބަބުން އިސްލާމީ ޤައުމުތަކާއެކު ގުޅުން އިތުރަށް ބަދަހިވެ، އެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވާކަން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ފާހަގަކުރެއްވިއެވެ.