ޚަބަރު

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލުގެ 6 މިސްކިތެއް


  • އަމާޒަކީ 2026 ގައި ފައިނަލް ކުރެވޭ ލިސްޓުގައި މިމިސްކިތްތައް ހިމެނުން

  • 2008ގައިވަނީ މާލެ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ހިމަނާފައި

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލުގެ 6 މިސްކިތެއް ހިމަނައިފިއެވެ.

ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ނޮމިނޭޝަން ޑޮޒިއަރ ތައްޔާރުކުރުމަށްޓަކައި މި މަހުގެ 13 އިން 14 އަށްވަނީ މަސައްކަތު ބައްދަލުވުމެއް ކުރިއަށްގެންގޮސްފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ޔުނެސްކޯ އޮފީހުގެ ބޭފުޅުންނާއި، ބޭރުގެ މާހިރުންނާއި، ގުޅުންހުރި ކައުންސިލްތަކާއި އިދާރާތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދެ ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޝަހުރުއްޛިޔާދު އަދި ޔުނެސްކޯގެ ޑިރެކްޓަރ އަދި ރެޕްރެޒެންޓޭޓިވް ޓިމް ކަރޓިސްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޔުނެސްކޯގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ 6 މިސްކިތް

• މާލޭ ހުކުރު މިސްކިތް
• މާލޭ އީދު މިސްކިތް
• ހއ.އިހަވަންދޫ އާސާރީ މިސްކިތް
• ރ.މީދޫ ބައު މިސްކިތް
• ލ.އިސްދޫ އާސާރީ މިސްކިތް
• އދ.ފެންފުށީ ހުކުރު މިސްކިތް

މި މަސައްކަތު ބައްދަލުވުމުގައި ނޮމިނޭޝަން ޑޮޒިއަރއާ ގުޅިގެން ނިންމަންޖެހޭ ނިންމުންތައް ނިންމާފައިވެއެވެ. އަދި މިމިސްކިތްތަކުގައި ހުރި ޚާއްސަ ސިފަތަކާއި، ތާރީޚާއި ޘަޤާފަތާއި ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރުމާއި، ޔުނެސްކޯ ވޯރލްޑް ހެރިޓޭޖްގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދާއިމީ ލިސްޓަށް ބަދަލުކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ މަޤުސަދަކީ ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނި ބައިނަލްއަޤްވާމީ ދަރަޖައެއް ހޯދައިދިނުން ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ސަމާލުކަން ލިބި، އެ ތަންތަން ބަލަހައްޓައި ދެމެހެއްޓުމުގައި އެފަރާތްތަކުގެ އެހީތެރިކަން ހޯދާ، ދިވެހި އިޤްތިޞާދަށާއި ދިވެހީންގެ އިޖުތިމާޢީ ދިރިއުޅުމަށް މަންފާ ހޯދައިދިނުން ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާގެ އަމާޒަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާއެކު ފުރިހަމަޔަށް ނިންމައި، 2026ގައި ހުށަހެޅުމެވެ.

ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތުގެ ތެރެއިން 2008ވަނަ އަހަރު މާލެ ހުކުރު މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމަނާފައެވެ. އަދި ސީރިއަލް ނޮމިނޭޝަނެއްގެ ގޮތުގައި ހުރިހާ މިސްކިތް ހިމެނުނީ 2013ވަނަ އަހަރުއެވެ.