ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ. އެ ކުންފުނިން މިއެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްބަސްވުން އެކުލަވާލުމަށްޓަކައި 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ފޮނުވާފައެވެ. މިފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދަނީ ކުރައްވަމުންނެވެ.
އެގޮތުން، އެފްޑީސީން ވިދާޅުވީ މިހާތަނަށް 1202 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. ޖުމްލަ 1530 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތަވާލުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްކުރަމުންދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަޙައްދުގައެވެ.
ފްލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކާއެކުވެސް އެއްބަސްވުން އެކުލަވާލުމަށް އެފްޑީސީން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް ލިޔެކިޔުންތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެފްޑީސީން އިލްތިމާސްކުރައްވައެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އެފްޑީސީއަށް ފޮނުވާ ލިސްޓްގެ މަޢުލޫމާތުތައް އަވަހަށް ޕްރޮސެސްކޮށް، ސޮއިކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ޕޯޓަލަށް އެޅުމަށް އަންގާ މުއްދަތު އަވަސްކުރުމާއި، މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އިތުރުކޮށް، ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރައްވަމުންނެވެ. ސޮއިކުރުން އަވަސްކުރުމަށް ސިންތެޓިކް ޓްރެކް ސަރަޙައްދުގައި 10 ވަރަކަށް ކައުންޓަރުން ޚިދުމަތްދަނީ ފޯރުކޮށްދެމުންނެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ދިއުމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކުންފުނިން އަންގާނެއެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް މަސައްކަތް ކުރަމުންއަންނަ ކަމަށް އެފްޑީސީން ވިދާޅުވެއެވެ.