ޚަބަރު

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި 200 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް


ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޕާކިސްތާނުގައި ފެން ބޮޑުވެ، 200އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ގުގުރައިވިދައި، ފެން ބޮޑުވުމާއި ހޮނު އެޅުމުގެ ހާދިޘާތައް ދަނީ ކުރިމަތިވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފެން ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގައި އިމާރާތްތަައް ވެއްޓުމުގެ ހާދިޘާތައް ވެސް ކުރިމަރިވެފައިވެއެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ހެލިކޮޕްޓަރެއް ވެސް ވެއްޓިފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބިފައި ވަނީ ޕާކިސްތާނުގެ ބުނާ ސަރަޙައްދަށެވެ. ފެންބޮޑުވުމާއި ބޯ ވާރޭގެ ސަަބަބުން އެ ސަރަޙައްދުން 100 މީހުން މަރުވެފައިވާ ކަމަށް އެ ސަރަޙައްދުގެ ޕްރޮވިންޝަލް ޗީފް ސެކެޓްރީ، ޝަހަބް ޢަލީ ޝާހު ވިދާޅުވިއެވެ.

ވެއްޓުނު ހެލިކޮޕްޓަރަކީ ފެން ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ބަޖައުރުގައި ޙާލުގައި ޖެހިފައިވާ ބަޔަކަށް ސާމާނު ހިފަިއގެން ދަތުރުކުރަމުން ދިޔަ އުޅަނދެކެވެ. އެ ހެލިކޮޕްޓަރުގައި ތިބި ފަސް ފަޅުވެރިން ވަނީ މަރުވެފައެވެ.

ޕާކިސްތާނުގެ ސުވަތުގަައި ވެސް، އެ ސަރަޙައްދުގައި ހުރި ކޯރުތަކުގައި ފެން ގިނަވަމުންދާތީ 2،000އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ.

ފަހުގެ ހަފްތާތަކުގައި އާދަޔާ ޚިލާފަށް ވާރޭ ވެހުމާއި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވެއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ޤައުމުގެ ޙާލަތު ބެއްލެވުމަށް ކުއްލި ބައްދަލުވުމެއް ބާއްވަވައިފައެވެ.