މަރުކަޒީ ބޭންކް އެމްއެމްއޭއިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިޢުލާނުކޮށްފިއެވެ. މާލީ ހޭލުންތެރިކަމާއި އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އެމްއެމްއޭއިން ވަނީ ހުޅުވާލާފައެވެ.
ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖަކީ ދުޅަހެޔޮ މާލީ ނިޒާމަކާއި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގެ ޒަރީޢާއިން މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް އެމްއެމްއޭއިން ފަށަފައިވާ ތަމްވީލް ފިންލެޓް ފެސްޓިވަލުގެ ބައެކެވެ. މި ފެސްޓިވަލުގައި އިމްޕެކްޓް ޕިޗް ޗެލެންޖުގެ އިތުރުން 5 ހަރާކާތެއް ކުރިއަށްދާނެއެވެ. އޭގެތެރޭގައި، ފިންލެޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، ފިއުޗަރ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތުގެ އިތުރުން ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއްވެސް ހިމެނެއެވެ.
އެމްއެމްއޭއިން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް މިހާރުގެ މާލީ ގޮންޖެހުންތަކަށް ހައްލުތައް އިލްމީ އަދި ދިރާސީ ނަޒަރަކުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އެގޮތުން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ބެހިގެންވަނީ ދެ ގިންތިއަކަށްކަމަށާއި ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިންގ އަށް އައު ހައްލުތަކާއި ގުޅޭގޮތުންކަމަށް ވިދާޅުވިއެވެ. އަދި މި ގިންތި ހާއްސަކޮށްފައިވަނީ ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާޢީ ވިޔަފާރިވެރިންނަށްކަމަށް ވާއިރު މިބައި ފަރުމާކުރެވިފައިވަނީ ޝަރީޢާއާ އެއްގޮތްވާ ޙައްލުތަކުގެ ޒަރީޢާއިން މާލީ ނިޒާމު ވަރުގަދަކުރެވޭނެ ޚިޔާލުތަކާއި ނަމޫނާތަކަށްކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނާއި އަދި 3 މެމްބަރުންގެ ޓީމްތަކަށްވެސް މި ގިންތީގައި ބައިވެރިވެވެނެކަމަށާއި ނަމަވެސް މުބާރާތުގައި އެމްއެމްއޭގެ މުވައްޒަފުންނާއި އެމްއެމްއޭގެ ޕާޓްނަރުންނަކަށް ބައިވެރިއެއް ނުވެވޭނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. މި ގިންތީން އިމްޕެކްޓް ޕިޗް ޗެލެންޖް ކާމިޔާބުކުރާ ފަރާތްތަކަށް 30،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެކަމަށް އެ އިދާރާއިން ވިދާޅުވެ. މީގެ އިތުރުން ފަންޑިންގ، މެންޓަރޝިޕް ފުރުޞަތުތައް ލިބިދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
އެމްއެމްއޭއިން ވިދާޅޫވީމި މުބާރާތުގެ ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ "ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް" މި މަޢުޟޫއަށްކަމަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ ދިރާސާކުރާ ފަރާތްތަކާއި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އިސްލާމިކް ފައިނޭންސްގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަމާއި އަދި އިޖްތިމާޢީ އަސަރު އިތުރުކުރުމަށް ދިރާސާއާއި ސިޔާސަތުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ހުށަހެޅުންތައް ހިމެނޭކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ. އެމްއެމްއޭއިން ވިދާޅުވީ މި ބައިގައި އަލިއަޅުވާލެވޭ ދާއިރާތަކުގެ ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި އަދި ސިޔާސަތު އެކުލަވާލުން ހިމެނޭކަމަށެވެ. މި ގިންތީގައި ބައިވެރިވާ ފަރާތްތައް ވާދަކުރާނީ ޖުމްލަ 100،000 ރުފިޔާގެ ފަންޑަކަށްކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
އެމްއެމްއޭއިން ވިދާޅުވީ މިމުބަރާތުގެ ދެ ގިންތީގައިވެސް ދިވެހިންނާއި ބޭރުމީހުންނަށްވެސް ބައިވެރިވެވޭނެކަމަށައި ނަމަވެސް ބައިވެރިންގެ ހުށަހެޅުންތައް ދިވެހިރާއްޖޭގެ ޙާލަތާ ގުޅޭ އަދި މުބާރާތުގެ މައުޟޫޢުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުންނަންވާނެ ކަމަށެވެ.