ޚަބަރު

ޤައުމީ ދުވަހަށް ތައްޔާރުވުމުގައި އުތީމުން ފެންނަނީ، ފުރިހަމަ ޤައުމީ ރޫޙު


  • ޝުޖާއު ވިދާޅުވީ ޤައުމިއްޔަތަކީ ރައީސް އެންމެ އިސްކަންދެއްވާ އެއް މަސައްކަތްކަމަށް

  • ބޮޑުކޮށް ޤައުމީދުވަސް ފާހަގަކުރުމަކީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މުހިންމު އަސާސެއްކަމަށް ވިދާޅުވި

ޤައުމީ ރޫޙު އާލާކޮށް ދިރުވޭނީ ޤައުމުގެ ވަލީޢުލްއަމްރު މި މަސައްކަތަށް ދޭ އިސްކަމާއި ޤަދަރު، ދިވެހި ކޮންމެ ރައްޔިތަކު އެގޮތުގައި ދީގެންކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ އުތީމުގައި ޤައުމީ ދުވަހަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތް ބައްލަވާލެއްވުމަށް އެރަށަށް ކުރެއްވި ދަތުރުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޕީއެސްއެމަށް ދެއްވި އިންޓަވިއުގައި ޝުޖާއު ވިދާޅުވީ މިސަރުކާރުން ޤައުމިއްޔަތުގެ މަސައްކަތްތަކަށް ޚާއްސަ ވުޒާރާއެއް އުފެއްދެވުމުގެ ބޭނުމަކަށްވީ ދިވެހިގެ ސަޤާފަތާ ރާއްޖޭގައި ހުރި އާސާރުތައް ހިމާޔަތްކޮށް އެކަންކަމަށް މީހުންގެ ލޯބި އުފެއްދުންކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އާސާރީ ބިނާތަކަކީ، އެތަންތަން ރައްކާތެރިކޮށް ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތަކަށް ހެދުންކަމަށެވެ.

ޝުޖާއު ވިދާޅުވީ މި ދާއިރާގައި ހިމެނޭ އުތީމު، ބާރަށް އަދި ތަކަންދޫގައި ހުންނަ ތަރިކަތައް ޙިމާޔަތްކޮށް، އެތަންތަނަކީ ރަށަށް އާމްދަނީ ވަންނަ ވަސީލަތަކަށް ހެދޭނެ ގޮތްތައް، ސަރުކާރުގެ ޤައުމިއްޔަތު މަޝްރޫޢުގައި ހިމަނައިގެން ކުރިއަށްގެންދަވާނެކަމަށެވެ. މިއަހަރަކީ މިހާތަނަށް ޤައުމީ ދުވަސް ފާހަގަކުރުމަށް އެންމެ ބޮޑު ބަޖެޓެއް ސަރުކާރަކުން ހަމަޖައްސާފައިވާ އަހަރުކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ މިކަމުންވެސް ދޭހަވަނީ ސަރުކާރުން ޤައުމިއްޔަތަށް ދޭ އިސްކަންކަމަށެވެ.

"މި ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކުރުމުގެ ބޭނުމަކީ، ޤައުމީ ރޫޙު ހިތްތަކުގައި އަށަގެންނެވުން. ޤައުމިއްޔަތަށް ލޯބިކުރާ ޖީލެއް ބިނާކުރުން. މިއީ ޤައުމީ ދުވަސް ފާހަގަކުރަން ދިވެހި ދަޢުލަތުން ޚާއްސަ އިސްކަން ދޭ ސަބަބަކީ. އަދި މިދޭ އިސްކަން ހާމަވަނީ މިއީ މިހާތަނަށް ޤައުމީ ދުވަސް އެންމެ ބޮޑު ބަޖެޓަކާއެކު ފާހަގަކުރާ ދުވަސްކަންވެސް ފާހަގަކޮށްލަން." ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޤައުމީ ދުވަހުގެ ތައްޔާރީތައް ވަރަށް ފޯރިއާއެކު ކުރަމުންދާކަމަށެވެ. އެގޮތުން މި ދުވަސް ފާހަގަކުރުމަށް އުތީމުގެ އިސްރަށްވެހިންނާއި ޒުވާނުންނާއި، ޖުމްލަކޮށް ރަށުގެ ކުދި ބޮޑު އެންމެން ޝާމިލުވާކަމީ، ޤައުމީ ދުވަހަށް މި ރަށުން ދޭ އަޙަމިއްޔަތުކަން ހާމަވާ ކަމެއްކަމަށެވެ.

"މި ރަށު ރައްޔިތުން ސާބިތުކޮށްދެނީ ޤައުމިއްޔަތުގެ މުހިންމުކަން. ކައުންސިލް، މުއައްސަސާތަކުގެ މުވައްޒަފުން، ރައްޔިތުން، އިސްރަށްވެހިން، ޒުވާނުން، ކުޑަކުދިން ޝާމިލުވާހެން މަސައްކަތްތައް މި ގެންދަނީ. މިއީ ޤައުމީ ރޫޙު އަށަގެންނެވުމުގައި ރައީސްގެ ތަޞައްވުރަކީ. ޤައުމިއްޔަތަށް ލޯބިކުރަންޖެހޭ މިންވަރު މިރަށުން ހާމަވޭ." ބާރަށު ދާއިރާގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު އޮންނަނީ އުތީމުގައެވެ. ޖަލްސާގެ އިތުރުން ރަސްމީ އަދި އަތޮޅާއި ރަށު ފެންވަރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި އުތީމު ކައުންސިލުން ވަނީ ނިންމާފައެވެ. މިއަހަރުގެ ޤައުމީ ދުވަހަކީ މީލާދީގޮތުން މިމަހުގެ 24ވާ އާދިއްތަ ދުވަހެވެ.