އިނގިރޭސި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ބޯންމަތާ ދެކޮޅަށް ފެޑެރީކޯ ކިއޭސާ ޖެހި ލަނޑަކީ ސަޕޯޓަރުންނަށް ދިން މެސެޖެއް ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.
މި މެޗުގެ ފަހު ފަސް މިނިޓްގައި ކިއޭސާ ކުޅެން ނުކުތީ ލިވަޕޫލްއަށް 120 މިލިއަން ޑޮލަރަށް ގަތް ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒްގެ ބަދަލުގަ އެވެ. އޭރު 2-2 އިން އެއްވަރުވެފައި އޮއްވައި ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ ކިއޭސާއެވެ.
އޭނާ އަކީ ހުސްވި ސީޒަނުގައި އިޓަލީގެ ޔުވެންޓަސްއިން 16 މިލިއަން ޕައުންޑަށް ގަތް ފޯވަޑެކެވެ. ނަމަވެސް ޕްރިމިއާ ލީގުގައި ހުސްވި ސީޒަނުގައި އޭނާ ކުޅުނީ އެންމެ މެޗެކެވެ. މީގެ އިތުރުން މި ސީޒަނަށް ތައްޔާރުވާން ކުރި ޕްރީ-ސީޒަން ޓުއާގައިވެސް އޭނާއަށް ބައިވެރިނުވެވުނެވެ.
ނަމަވެސް ކިއޭސާ ލަނޑު ޖަހައި ލިވަޕޫލް މޮޅުކޮށްދިނުމުން ސްލޮޓް ވަނީ އޭނާއަށް ތައުރީފުކޮށްފައެވެ.
"ހުސްވި ސީޒަނުގައި ސަޕޯޓަރުން ވެސް އޭނާ އަށް ލަވަ ކިޔައި ހެދިއިރު ކިއޭސާއަށް މާ ގިނަ ކަންތައްތަކެއް ނުކުރެވުނު. އޭނާ އުޅެން ޖެހުނީ ގިނައިން ފިޓްނަސް ރަނގަޅު ކުރަން. މީގެ ސަބަބުން އޭނާ އަށް ކުޅެން ލިބުނީވެސް އެންމެ މެޗެއްގައި. އެކަމަކު އަހަރުމެން އޭނާގެ ބޭނުން ޖެހުނު ވަގުތު ކުޅެން ނުކުމެ އޭނާ ވަނީ ލަނޑު ޖަހާފައި. މިއީ ހަގީގަތުގައި ސަޕޯޓަރުންނަށް އޭނާ ދިން މެސެޖެއް،" ސްލޮޓް ބުންޏެވެ.
ކިއޭސާ ހުރީ ގަވާއިދުން ލިވަޕޫލްގައި ކުޅެން ނުލިބޭތީވެ އަނެއްކާވެސް އިޓަލީގައި ކުޅެން ބަދަލުވާން ތައްޔާރުވެގެންނެވެ. ނަމަވެސް އެކަން ކުރެވެން އޮތީ އޭނާ ގަތުމަށް ލިވަޕޫލަށް ރަނގަޅު އަގެއް ލިބިގެންނެވެ. ނަމަވެސް ސްލޮޓް ބުނީ އޭނާ އުއްމީދުކުރަނީ ކިއޭސާ ލިވަޕޫލްގައި ހުންނާނެ ކަމަށެވެ.
"އަހަރެން އުއްމީދު ކުރަނީ އޭނާ މަޑުކުރާނެ ކަމަށް. އޭނާ އަށް މި ސީޒަނުގައި ކުރިއަށްވުރެ ގިނައިން ކުޅެން ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރެވޭ. އަހަރެން އުއްމީދު ކުރަނީ އޭނާގެ ކުރިމަގު މި ކުލަބުގައި ބާއްވާނެ ކަމަށް،" ސްލޮޓް ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ކިއޭސާވެސް ވާހަކަ ދެއްކިއެވެ. އޭނާ ބުނީ ބޯންމަތު ކޮޅަށް ޖެހި ލަނޑު ހާއްސަކުރާ އެއް ފަރާތަކީ ކޯޗު ސްލޮޓް ކަމަށެވެ.
"އޭނާއަށް މި ލަނޑު ހާއްސަ ކުރަން. އޭނާ އަހަރެންނަށް ވަރަށް ރަނގަޅު. އަހަރެންނަށް ފަހެއް ނޫނީ 10 ނުވަތަ 15 މިނިޓް ދިނަސް އަހަރެން މި ހުރީ އަހަރެންގެ ފަރާތުން ޓިމަށް ފުރިހަމަ ކުޅުން ދައްކަން ތައްޔާރުވެގެން،" ކިއޭސާ ބުންޏެވެ.