ޚަބަރު

އާސަންދައާއި އެންސްޕާއިން ނުދައްކާ އޮތް 1.3 ބިލިޔަން ރުފިޔާ ދައްކައިފި


  • މިދިޔަ ސަރުކާރުން އާސަންދައިން 1.1 ބިލިޔަން ނުދައްކާ އޮޮތް

  • މިދިޔަ ސަރުކާރުގައި އެންސްޕާއިން 491 މިލިޔަން ނުދައްކާ އޮތް

ސަރުކާރުގެ ސިއްޙީ އިންޝުއަރެންސް ސްކީމް، އާސަންދައާއި ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ޚަރަދުތަކުގެ ތެރެއިން ނުދައްކާ އޮތް 1.3 ބިލިޔަން ރުފިޔާ މިސަރުކާރުން ދައްކައިފާވާކަމަށް މާލިއްޔަތު ކޮމިޓީން ހާމަކޮށްފިއެވެ. މާލިއްޔަތު ކޮމިޓީން މިކަން ހާމަކުރެއްވީ އެ ކޮމިޓީން އެކުލަވާލި ޞިއްހީ ވެލްފެއަރގެ ޚިދުމަތް ދިނުމުގެ ނިޒާމުގައި ހުރި އިތުރު މައްސަލަތައް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައެވެ.

ޞިއްހީ ވެލްފެއަރގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން އެކުލަވާލި ރިޕޯޓުގައި ވަނީ އާސަންދައިން ދައްކަންޖެހޭ ފައިސާ އަމިއްލަ ހޮސްޕިޓަލުތަކަށް ދައްކާފައިނުވުމުގެ ސަބަބުން ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި އެފަރާތްތަކަށްވެސް ދަތިވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އާސަންދައިން އޭޑީކޭ ހޮސްޕިޓަލަށް އެކަނިވެސް ދައްކަންޖެހޭ ފައިސާގެ ޢަދަދު 251 މިލިޔަން ރުފިޔާއަށް އަރާކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފާމަސީތަކާއި ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް 1.1 ބިލިޔަން ރުފިޔާ އާސަންދައިން ނުދައްކާ އޮތް ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް އެންސްޕާއިން ދައްކަންޖެހޭ ފައިސާގެ ތެރެއިން 491 މިލިޔަން ރުފިޔާ ނުދައްކާ އޮތްކަމަށްވެސް ރިޕޯޓުގައިވެއެވެ. އަދި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހާ ހަމައަށް، 1.5 ބިލިޔަން ރުފިޔާ އެންސްޕާއިން ދައްކަންޖެހޭކަމަށް ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު ވެރިކަން ބަދަލުވިއިރު އެންސްޕާއިން ނުދައްކާ އޮތް ފައިސާއާއި މިދައުރުގައ ދައްކަންޖެހޭ ފައސާގެ ތެރެއިން ޖުމުލަ 1.3 ބިލިޔަން ރުފިޔާ މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަމަށްވެސް ވެލްފެއަރ ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަށާޖެހޭ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ މުހިންމު ގިނަ ގަވާއިދުތަކެއް މިހާތަނަށް އެކުލަވާލާފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖެއަށް އެތެރެކުރެވޭ ބޭހުގެ ސްޓޮކް، މަރުކަޒީ ނިޒާމެއްގެ ތެރެއިން ބަލަހައްޓައި، ކޮންޓްރޯލްކުރެވޭނެ ގޮތް ލިޔުމުން އެކުލަވާލަންޖެހޭކަންވެސް ވެލްފެއަރ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އާސަންދަ ނިޒާމު ހަރުދަނާކޮށް، އާސަންދައިންކުރަންޖެހޭ ޚަރަދުތައް މަދުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން އާސަންދައިގެ ޚިދުމަތް ކަށަވަރުކުރުމާއި ބޭހަށް ކުރާ ހޭދަ ކުޑަކުރުމަށް ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި ބަދަލުތަކުގެ ތެރޭގައި ރާއްޖޭގައި ޑޮކްޓަރުން ލިޔެދޭ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުމަށް ނިންމުން ހިމެނެއެވެ.

އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް, އެސްޓީއޯއިން ލިބެން ހުރި ބޭސް ފެންނާނެ ގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމާއި އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސް.ޓީ.އޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.