އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެއްޖެ އެވެ.
ނިމިގެންދިޔަ ފީފާ ކްލަބް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ކްރިސްޓަލް ޕެލަސްގެ އެބެރޭޗީ އެޒޭ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދީފަ އެވެ.
މެޗުގެ 13 ވަނަ މިނިޓުގައި ވިހި ޔާޑު ދުރުން ލިބުނު ހިލޭ ޖެހުމަކުން އެޒޭ ލަނޑު ޖެހިއިރު އެ ނިންމުން ރެފްރީ ނިންމާފައިވަނީ ޕެލަސްގެ މާކް ގުއޭހީ ޗެލްސީގެ ކުޅުންތެރިން ހަދާފައިވާ ވޯލްގެ އެއް މީޓަރު ކައިރީގައި ހުރުމުގެ ސަބަބުންނެވެ.
2019 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ މި ގަވާއިދު ޕްރިމިއާ ލީގުގެ ރެފްރީން އަމަލުކޮށްފައިވަނީ ވަރަށް މަދު ފަހަރެއްގަ އެވެ.
މި މެޗުގައި ޕެލަސްގެ ޝޯން ފިލިޕް މަޓޭޓާ އާއި މެކްސެންސް ލެކްރޮއިކްސް އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ޗެލްސީން މި މެޗުގައި އުފެއްދި އެންމެ ނުރައްކާތެރި ހަމަލައެއް ފެނިގެން ގޮސްފައިވަނީ އެ ޓީމާއި އަލަށް ގުޅުނު ބްރެޒިލްގެ އެސްޓެވާއޯ ވިލިއަމް އާއި ލިއާމް ޑެލަޕްގެ އިތުރުން އެންޑްރޭ ސަންޓޯސްގެ ފަރާތުން މެޗުގެ ދެވަނަ ހާފުގަ އެވެ.
މި ސީޒަނަށް ޓީމުގެ ފޯވަޑް ލައިން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީން 250 މިލިއަން ޕައުންޑް ހަރަދުކުރި ނަމަވެސް އައު ސީޒަނުގެ ފުރަތަމަ މެޗުގައި އެ ޓީމަށް މާއެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފަ އެވެ.