ޚަބަރު

ކާރިސާތައް މެނޭޖްކުރުމުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް އެންޑީއެމްއޭއާއި އެމްއާރްސީން އެއްބަސްވުމަކަށް


  • ގައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ނިޒާމްތައް ވަރުގަދަކުރާނެ

  • ގުޅިގެން ތަމްރީނު ދިނުމާއި މަޢުލޫމާތު ބަދަލުކޮށް ގާބިލުކަން އިތުރުކުރުން ހިމެނޭ

ކާރިސާތައް މެނޭޖްކުރުމުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ރެޑް ކްރެސެންޓްއާ ދެމެދު އެކުލަވާލައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެންޑީއެމްއޭ އާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ނިޒާމުތައް ވަރުގަދަކުރުމާއި ކާރިސާތަކަށްފަހު އެހީތެރިކަން ފޯރުކޮށްދިނުމާއި އަނބުރާ އާރާސްތުކުރުމުގެ މަސައްކަތްތައް ބައްޓަންކުރުމުގައި ގުޅުން އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާރިސާތަކަށް ވިލުންވެރިވެ، އަނބުރާ ގާބިލު މުޖުތަމަޢުތައް ބިނާކުރުމަށާއި އެއްކޮށް ތަމްރީނުތައް ދިނުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ތެރެއިން ދެފަރާތުގެ ގާބިލުކަން އިތުރުކުރުންވެސް ހިމެނެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ މިއެއްބަސްވުމަކީ ރައްޔިތުންގެ ފުރާނަތައް ސަލާމަތްކުރުމަށާއި، ދިރިއުޅުން ރައްކާތެރިކުރުމަށް، އަދި މުސްތަގުބަލުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާ ދެކޮޅަށް ގައުމުގެ ވިލުންތެރިކަން ވަރުގަދަކުރުމަށާއި، މިފަދަ މަސައްކަތްތަކަށް ދެފަރާތުން ދެމުންދާ ސަމާލުކަމުގެ ހެއްކެއްކަމަށެވެ.

ކާރިސާތަކާ ކުރިމަތިލުމުގައި މިފަދަ ގުޅުންތަކަކީ ވަރަށް މުހިއްމު ބައެކެވެ. އެންޑީއެމްއޭ އާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެދާނެ ކޮންމެ ކާރިސާއަކުން ރައްކާތެރިވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.