ޚަބަރު

މިއަހަރު ޤައުމީ ދުވަހުވެސް އުތީމުގައި "ބޮޑު ކޭން" ލުމުގެ ފަރީއްކޮޅެއް


  • މިއީ ރަށަށް އަރާ ޢިއްޒަތްތެރިންނަށް ވެދުމާ އަރުވާ ފަރިކޮޅެއް

  • މިކަމަށް ބޭނުންވާ ތަކެތި ތައްޔާރުކުރަން ވަރަށް ކުރިންސުރެ ފަށާ

  • މިއީ ވަރަށް ބުރަ، ބޮޑު މަސައްކަތެއް

ޤައުމީ ދުވަސް ނުވަތަ ޚާއްސަ ދުވަސްތަކާ ދިމާކޮށް، ކޭންލުމަކީ އުތީމުގައި ސަޤާފަތުގެތެރެއިން ކުރަމުން އަންނަ ކަމެކެވެ. މިކަން މިކުރަނީ ރަށަށް އަރާ އިއްޒަތްތެރިންގެ ޝަރަފުގައި ވެދުމާ ދިނުމުގެ ގޮތުންނެވެ.

ކޭން ތައްޔާރުމުގެ މަސައްކަތަކީ ވަރަށް ކުރިޔާލާ ފަށާ މަސައްކަތަކެވެ. މީގެތެރޭގައި ހިމެނެނީ ކުރިއާލާ ތައްޔާރުކުރާ ކާބޯތަކެތީގެ ހިކި ސާމާނު ނުވަތަ ލުއިކާނާގެ އެކި ބާވަތްތަކެވެ. މިގެތެރެއިން ހިކި ސާމާނު ތައްޔާރުކުރުމުގެ މަސައްކަތްތައް ހަފްތާއެއްހާ ދުވަސް ކުރިން ފަށައެވެ.

މިފަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައިވެސް އުތީމުގައި ކޭން ލުމުގެ ހަރަކާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ތައްޔާރުވުމަށް، ކޭމަށްލާ ހިކި ސާމާނު މިފަހަރު ތައްޔާރުކުރަނީ އުތީމު ކައުންސިލްގެ މުނިސިޕަލް މުވައްޒަފުންނެވެ.

ކޭމަށް ލާބާވަތްތަކުގެތެރޭގައި ލުއިކާނާގެ ތެރޭގައި ހިމެނެނީ ފުށުގައި ހަދާ ފޮނިކާތަކެތީގެ އެކި ބާވަތްތަކެވެ. އެގޮތުން ބޮންޑަ، މެޓާގަނޑު އަދި ފޮނިރޮށި ފަދަ އެކި ބާވަތްތައް ހިމެނެއެވެ. މި ބާވަތްތަކަށް އުތީމުގައި ކިޔަމުން އަންނަނީ ވަރަށް ތަފާތު ނަންތަކެކެވެ.

"މިހަރު ގިނަ ކުދިންނަށް ނޭންގޭނެ ކަންނޭންގެ މި ތަކެއްޗަށް ކިޔާ ނަންތައްވެސް. ކާޅުތުން، ސިލުނބުފޫ، ފަންކާ، ކޮލުދަތް، މިއީ ހަމަ މީގެ އެކި ބާވަތްތަކަށް މިރަށުގައި ކިޔާ ނަންނަތް" ރަށުގައި ކޭމުގެ ބާވަތްތައް ތައްޔާރުކުރުމަށް މަސައްކަތްކުރާ ކަނބަލެއް ފާހަގަކުރިއެވެ.

މި މަސައްކަތް ކުރަނީ އެކި ދުވަހަށް އެކި ބާވަތްތައް ހެދުމުގެ މަސައްކަތްތައް ބަހާލައިގެންނެވެ. މިއީ ކަވި އަދި އެހާމެ ގިނަ ވަގުތު މަސައްކަތަށް ނަގާ ކަމެކެވެ. މިބާޥަތްތައް އަދިވެސް އުތީމުގައި ތައްޔާރުކުރަނީ އެންމެ އިހު ޒަމާނުގައި އެކަން ކުރަމުން އައި ގޮތަށެވެ.

ކޭން ލުމުގެ މަސައްކަތުގައި ރަށުގެ ޒުވާން އަންހެނުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިއީ އަންނަން އޮތް ޖީލުތަކަށް މިސަޤާފަތް ގެންގޮސްދިނުމަށް މި ރަށުގައި ކުރަމުން އަންނަ ކަމެވެ. ކޭން ލުމަކީ އުތީމު ރައްޔިތުންގެ މެހުމާނު ދާރިއާއި، އަދި ރަށުގެ ސަޤާފަތް ދެމެހެއްޓުމަށް އަދާ ހަމައަށް ކުރަމުން އަންނަ ވަރަށް މުހިންމު މަސައްކަތެކެވެ.

މިފަހަރު ކޭންލުން އޮންނަނީ ޤައުމީ ދުވަސްކަމަށްވާ، އަންނަ އާދިއްތަ ދުވަހުގެ މެންދުރުގެ ފަރިކޮޅަށެވެ. މި ކޭންލަނީ މަލާފަތުގައެވެ. އުތީމުގައި މި ކޭމަށް ކިޔަނީ "ބޮޑު ކޭން"މެވެ.