ޚަބަރު

މިދިޔަ ހަފްތާގައި މަސްވެރިންނަށް 6.7 މިލިޔަން ރުފިޔާ ދޫކޮށްފި


  • މިދިޔަ ހަފްތާގައި 165 ދޯންޏަކުން މަސްކިރުވާފައިވޭ

  • މަސްވެރިކަމުގެ މޫސުމަށް މިފްކޯއިން ދަނީ ތައްޔާރުވަމުން

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 6.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފްތާގައި މިފްކޯއަށް 165 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. އޭގެ ކުރީ ހަފްތާގައި 125 ދޯންޏަކުން މަސްކިރުވިއިރު މިހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދު މިވަނީ އިތުރުވެފައެވެ. އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއެކު މަހަށް ނިކުތް ދޯނިތަކުގެ އަދަދު އެ ހަފްތާގައި މަދުވިއެވެ.

މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދު އިތުރުވެފައިވާއިރު، މަސް ކިރުވި މިންވަރުވެސް ވަނީ އިތުވެފައެވެ. އެހެން ކަމުން މަސްވެރިންނަށް މިދިޔަ ހަފްތާގައި ދޫކުރި ފައިސާ އޭގެ ކުރީ ހަފްތާއާއި އަޅާބަލާއިރު އިތުރުވެފައިވެއެވެ. މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 6.7 މިލިޔަން ރުފިޔާއެވެ. އޭގެ ކުރީ ހަފްތާގައި މަސައްވެރިންނަށް ދޫކޮށްފައިވަނީ 3.9 މިލިޔަން ރުފިޔާއެވެ. އެހެން ކަމުން މިއީ ހަފްތާއިން ހަފްތާއަށް ބަލާއިރު، 70.6 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއަށް 35 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް މުޅި ޖުމްލަ 1.53 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކުރިއަށް އޮތީ މަސްވެރިކަމުގެ މޫސުމަށްވާއިރު، މިފްކޯއިން ދަނީ މޫސުމަށް ތައްޔާރުވަމުންނެވެ. މި އަހަރުގެ މަސްވެރިކަމުގެ މޫސުން ފެށޭނީ އަންނަ މަހުއެވެ. މިފްކޯއިން ދަނީ މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. މިގޮތުން ކޫއްޑޫގެ ފެކްޓަރީ އަޕްގްރޭޑް ކުރުމާއި ބަނދަރު ސަރަހައްދުގެ މަރާމާތުތައް އެކުންފުނިން ދަނީ ކުރަމުންނެވެ. މީގެ އިތުރުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސްބޯޓުތައް ފޮނުވުމަށް ދުރާލާ ތައްޔާރުވާނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން މަސްވެރިކަމުގެ މޫސުމަށް ތައްޔާރުވަމުންދާއިރު ސަރުކާރުގެ އަމާޒަކީ ސިނާޢަތް ސިންދަފާތުކޮށް ކުރިއެރުވުމެވެ. މިގޮތުން ރާއްޖެއިން ބޭރުކުރާ މަހަށް ބޭނުން ކުރާނެ "ފްރޮމް މޯލްޑިވްސް"ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ޤައުމީ ބްރޭންޑެއް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ.