މިއަދުން ފެށިގެން އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ޖުމްހޫރީ މައިދާން ބަސްހުއްޓިއަށް އެމްޓީސީސީގެ ބަސްތައް މަޑުނުކުރާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިހެން ވިދާޅުވީ ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްކުރުމަށް މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ބަންދުކޮށްފައިވާތީއެވެ.
އެމްޓީސީސީއިން ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ އެމްއެމްއޭގެ ސަރަހައްދުން ފެށިގެން އިއްޒުއްދީން ޖެޓީއާއި ހަމައަށް އޮންނަ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން 18 އޮގަސްޓް އިން 13 އޮކްޓޫބަރުގެ ނިޔަލަށް އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ އާރު 12 ރޫޓަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.
މި ރޫޓްގެ ބަސްތައް މި މުއްދަތުގައި ޖުމްހޫރީ މައިދާން ބަސް ހުއްޓިއަށް މަޑުނުކުރާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް އެ މައާފަށް އެދޭކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދުން ފެށިގެން އަންނަ އޮކްޓޯބަރުގެ 13 ވަނަ ދުވަހާ ހަމައަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި މިހާރު ވަނީ ބަންދުކޮށްފައެެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެއެވެ.