ޚަބަރު

ސިނާ މެޗު ދޫކޮށްލުމުން އަލްކަރޭޒް އަށް ޗެމްޕިއަންކަން


އެމެރިކާގައި ކުރިއަށް ދިޔަ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ސިނާ މެޗު ދޫކޮށްލުމުން ކާލޯސް އަލްކަރޭޒް އަށް ޗެމްޕިއަންކަން ލިބިއްޖެ އެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ސިނާ އާއި ދެކޮޅަށް ސްޕެއިން އަލްކަރޭޒް ކުޅުނު މެޗުގެ 23 މިނިޓުގެ ކުޅުން ނިމުނުއިރު 5-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ އަލްކަރޭޒް އެވެ.

މި މެޗުން މޮޅުވެ އަލްކަރޭޒް އަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއިއެކު މިއީ އޭނާއަށް ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. އަދި މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ތިންވަނަ މުބާރާތްވެސްމެ އެވެ.

ފައިނަލް މެޗު ދޫކޮށްލުމަށްފަހު ސިނާ ބުނެފައިވަނީ މި މެޗަށް ނިކުތްއިރުވެސް އޭނާގެ ބަލި ހާލަތު ރަގަޅު ނޫން ކަމަށާއި އުންމީދު ކުރި ގޮތަށް ކަންތައްތައް ގޮސްފައިނުވާ ކަމަށެވެ.

"މި މެޗު ބަލަން ގިނަ ބަޔަކު ވަނީ އަމިއްލަ ގިނަ ކަންތައްތަކެއް ދޫކޮށް އައިސްފައި އަދި މި މެޗު އަހަރެންނަށް ފުރިހަމަ ނުކުރެވުނީތީ އެކަމަށް މައާފަށް އެދެން." ސިނާ ބުންޏެވެ.

ސިނާ އިތުރަށް ބުނެފައިވަނީ މީގެ ހަ ދުވަސް ފަހުން ފަށާ ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް އެއްކޮށް ފިޓުވެ އެ މުބާރާތުގައި ވާދަކުރެވޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.

އަލްކަރޭޒް އާއި ސިނާ ވަނީ މި ސީޒަނުގައި މީގެ ކުރިން ދެ މުބާރާތެއްގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން އަލްކަރޭޒް ހޯދިއިރު ވިމްބަލްޑަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސިނާ އެވެ.