ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މިހާރު އިޢުލާނުކޮށްފައިވާ އިސްލާމީ ޝަރީޢާ ދާއިރާގެ ޕީއެޗްޑީ ކޯހަށް ހޮވޭ އިމާމުންގެ ކޯހުގެ ހުރިހާ ޙަރަދެއް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއިން ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިމާމުންނަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށެވެ. މި މަސައްކަތުގެ ދަށުން މިހާރު އެމްއެންޔޫއިން އިޢުލާންކޮށްފައިވާ އިސްލާމިކް ޝަރީޢާ ދާއިރާ އިން ޕީއެޗްޑީ ކޯހަށް ހޮވޭ ފަރާތްތަކުގެ ކޯހުގެ ހުރިހާ ޚަރަދެއް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އެމްއެންޔޫއިން ވަނީ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިސްލާމިކް ސްޓަޑީޒް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިސްލާމިކް ޝަރީޢާ އަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ކޯސްތަކަށް އެދުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 30 ވަނަ ދުވަހާއި ހަމައަށްއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ކޯހުގެ ޚަރަދުގެ އިތުރުން އިމާމުންނަށް ޕޮކެޓް މަނީވެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ވަޒީރު ވަނީ މި ކޯސްތަކަށް ވީހާވެެސް ގިނަ އިމާމުން ކުރިމަތިލުމަށް އެދިވަޑައިގަންނަވާފައެވެ.
އިސްލާމް ދީނަށް ލޯބިކުރާ މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކުރުމަކީ މީގެ ތެރެއިން މުހިންމު މަސައްކަތެކެވެ. އަދި ދީނީ ޢިލްމު ޙާޞިލްކުރުމުގެ ރޮނގުން މީހުން ބިނާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ހާއްސަ ޕްރޮގްރާމްއެއްވެސް ވަނީ ފައްޓަވާފައެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ ޢިލްމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވާ ބޭފުޅެއްނަމަ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ޕީއެޗްޑީ ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ވެސް ނިންމަވާފާއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހި އިމާމުންނަކީ ފިޤުހުގެ ޢިލްމާއި ދީނީ އެނޫން ކަންކަމަށްވެސް ވަރަށް މޮޅު ބޭފުޅުންކަމަށެވެ. އެހެންނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ދީނީ ކަންކަމަށް މީހުން އަހުލުވެރިކުރުވުމާއި ދީނީ ކަންކަން މީހުންނަށް ފަސޭހަކޮށްދެއްވުމުގައި ޤައުމުތަކުން ކޮށްފައިވާ މަސައްކަތްތަކާއި ބޭނުންކޮށްފައިވާ އީޖާދީ ވިސްނުންތައް ބަލާ އެކަންކަމަށް އަހުލުވެރި ބަޔަކަށް ހެދުމަކީ މުހިންމު ކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.