ޚަބަރު

އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، ޢުމްރާނީ ވަސީލަތް ތަރައްޤީކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް


  • މި މަސައްްކަތް ނިމުމާއެކު، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެ

އއ.އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް އެ މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމާއި، އުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމާއި، އުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރެއްވީ ފަހި ދިރިއުޅުން ކޯޕަރޭޝަނެވެ.

އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމާއި، އުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފެރިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޑރ. އިސްމާޢިލް ޝަފީޢުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ރައްޒާންއެވެ.

ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ، ދެއްކި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމް ތަރައްޤީކުރުމުގެ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިމަދަރުސާގެ އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމްތަކުގެ އިތުރުން ސައިންސް ލެބާއި، ކޮމްޕިއުޓަރ ލެބް، ސްޓާފް ރޫމް، ލައިބްރަރީ، ސެން ކްލާސް ހެދުމުގެ އިތުރުން ވަށާފާރު ރޭވުމާއި ހުރިހާ ކަމެއް ހިމެނި ޑިޒައިންކުރެވިގެން މިހުރިހާ ވަސީލަތެއް ހިމަނައިގެން ކަމަށެވެ.

މި މަސައްްކަތް ނިމުމާއެކު، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.