އއ އުކުޅަހާއި އއ. ރަސްދޫގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްތައް އިމާރާތް ކުރުމާއި ގުޅޭ އެއްބަސްވުމުގައި ކުޅިވަރު ވުޒާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި ދެ މަޝްރޫއުގެ މަސައްކަތް ފެށުމަށް އެމްއޭސީއެލް އާއި ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އުކުޅަސް އަދި ރަސްދޫ ސްޕޯޓްސް ކޮމްޕެލްކްސް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢުއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.
މިއީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ އިތުރުނަ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި ކުޅިވަރުގެ ތަރައަޤީއަށް ސަރުކާރުން ކުރަން ރާވާފައިވާ މަޝްރޫއުތަކުގެ ދަށުން ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކެކެވެ.
މި ދެ ރަށަކީވެސް އައުޓް ޑޯ ޖިމާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އެކި ކަހަލަ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ދެ ރަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ސަރުކާރުން މަސައްކަތްކުރަނީ މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް ބައިނަލްއަގްވާމީ ފެންވަރުގެ ވަސީލަތްތައް އަތޮޅުތެރޭގައިވެސް ގާއިމުކުރުމެވެ. އަދި އަތޮޅު ތެރެއިން ގައުމީ ފެންވަރުގެ އެލީޓް އެތުލީޓުން އުފެދިގެން އައުމަށް މަގުފަހިކޮށްދިނުމެވެ.
ސްޕޯޓްސްް ކޮމްޕްލެކްސްތައް ޤާއިމުކުރުމުގެ އިތުރުން ރަށްރަށުގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރު ވަސީލަތްތައް ގާއިމުކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.