ތަޅާލައި އަލުން ތަރައްގީ ކުރަމުންދާ ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމަށް ސިޓީ ކައުންސިލުން ހުއްދަ ނުދީފިނަމަ އެ ކުލަބުގެ މެޗުތައް އަނެއްކާ ވެސް އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅެން ސޮއިކޮށްފި އެވެ.
ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ބާސެލޯނާއިން މަސައްކަތް ކުރަމުންދަނީ ލައްކައަކަށްވުރެ ގިނަ މީހުންނަށް ވަދެވޭ ގޮތަށް ތައްޔާރުކުރަމުންދާ ސްޓޭޑިއަމުގެ އެންމެ ތުރީ ފަށަލަށްވާ ވަރަށް މީހުން ވައްދައިން މެޗުތައް ކުޅުމުގެ ހުއްދަ ހޯދުމަށެވެ. އެއީ ޖުމުލަ 27000 މީހުންނެވެ.
ނަމަވެސް މިހާތަނަށް ސިޓީ ކައުންސިލުން އިންސްޕެކްޓް ކުރިއިރު ނޭމްޕޯ ނޯ އަށް މެޗުތައް ކުޅުމުގެ ލައިސަންސް ދެވޭ ވަރަށް ނުވެ އެވެ. އެއީ އެކަށީގެންވާ ވަރަށް ދަނޑު ސާފު ކުރެވިފައިނުވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށް ދިއުމާއި ފުޓްބޯޅަ މެޗެއް ކުޅުމަށް ކޮންމެހެން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް ފުރިހަމަ އަސް ގާއިމް ކުރެވިފައި ނުވުމާއެކުގަ އެވެ. މިއަށްވުރެ ބޮޑު މައްސަލައަކީ ސްޓޭޑިއަމުގެ ބައެއް ދިމަދިމާތަކުގައި ސަލާމަތީ ކަންކަން އެންމެ ފުރިހަމަ އަށް ނެތުމެވެ.
ބާސެލޯނާގެ ހުށަހެޅުމަކަށް ސްޕެނިޝް ލީގުން ވަނީ އެ ކުލަބުގެ ފުރަތަމަ ތިން މެޗު ރަށުން ބޭރުގައި ކުޅޭ ގޮތަށް ހަދައިދީފަ އެވެ. ނަމަވެސް މިހާރު ބޮޑަށް ބެލެވެނީ ބާސެލޯނާ އަށް އަމިއްލަ ދަނޑުގައި މެޗުތައް ނުކުޅެވޭނެ ކަމަށެވެ. މިހެންވެ އެ ކުލަބުން މިހާރު ވަނީ ސިޓީ ކައުންސިލާއެކު އަނެއްކާ ވެސް އޮލިމްޕިކް ސްޓޭޑިއަމުގައި އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް މެޗުތައް ކުޅުމުގެ ހުއްދަ ހޯދައިފަ އެވެ. ނޭމްޕް ނޯ އަލުން ތަރައްގީ ކުރަން ތަޅާލުމަށް ފަހު މިދިޔަ ދެ ސީޒަނުގައި ބާސެލޯނާގެ މެޗުތައް ކުޅުނީ ވެސް މި ސްޓޭޑިއަމުގަ އެވެ.
ނޭމްޕް ނޯ ނިންމަން ކިޔާ މުއްދަތަށްވުރެ މަސައްކަތް މާބޮޑަށް ލަސްވުމުން ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.