ޚަބަރު

ރަސްމާލެ މަޝްރޫޢު: ދުވެލި ހަލުވިކޮށް މަސައްކަތް ބާރަށް ކުރިއަށް


  • ރަސްމާލެއިން 129.60 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިންމާފައި

  • ބިން ހިއްކުމުގެ މަސައްކަތް 3 ކުންފުންޏަކުން ދަނީ ކުރަމުން

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އިތުރުވަމުންދާ އާބާދީއާއެކު ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރަމުން އައިކަމުގައިވީނަމަވެސް އެކަމަށް އެންމެ އެދެވޭ ހައްލެއްވަނީ ނުހޯދިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދެއްދެއްވާނެކަމުގެ ޔަގީންކަން ދެމުންނެއެވެ.

އެގޮތުން މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބިޔަ ބޮޑު މަޝްރޫޢުއަކީ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ. ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 2023 އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. ރަސްމާލޭ މަޝްރޫއަކީ ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫއެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހައުސިންގ މަޝްރޫޢުގެ ދަށުން ފުރަތަމަ 15،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރުވެސް ވަނީ ހަވާލުކޮށްފައެވެ.

ރަސްމާލެ ތަރައްޤީކުރަނީ 1،153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1،009 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ރަސްމާލެއިން ވަނީ 129.60 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އައިސްފައިވަނީ 11 ސަރަޙައްދަކަށް ބަހާލައިގެން 2 ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހުގެ ތެރޭ ވަނީ ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައެވެ. އެއާއެކު މިހާރު މި މަސައްކަތް 3 ކުންފުންޏަކުން ދަނީ ކުރަމުންނެއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދިޔުމަށް 21،000 ކިއުބިކް މީޓަރުގެ ޑްރެޖަރެއް ގެނެސް މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ބިންހިއްކުމަށް ފަށާފައިވަނީ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރެއް ކަމުގައިވާ "ޔެންގ ޖުން 1" އެވެ. މިއީ ރަސްމާލެ ހިއްކުމަށް މިހާތަނަށް ބޭނުންކުރަމުން އައި ޑްރެޖަރަށް ވުރެ ދެގުނަ ބޮޑު ޑްރެޖަރެއެވެ. ރަސްމާލޭ ސައިޓް "ސީ"ގައި ހިމެނޭ 190 ހެކްޓަރާއި "އީ"ގައި ހިމެނޭ 75 ހެކްޓަރ ހިމެނޭޙެން ޖުމްލަ 265 ހެކްޓަރުގެ ބިން ހިއްކަން މިހާރު މިވަނީ ފަށާފައެވެ.

ރަސްމާލެއިން ހިއްކުމަށް ހަމަޖެހިފައިވާ އިތުރު ސަރަޙައްދުތަކަށް ބަލާއިރު ސައިޓް "ޖޭ"ގެ 29 ހެކްޓަރުގެ ބިން ހިއްކާ ނިންމުމަށްފަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ސައިޓް "ޑީ، އެފް، ޖީ، އެލް" އިން 394 ހެކްޓަރުގެ ބިން ހިއްކާއިރު މިހާތަނަށް އައިއިރު ވަނީ 100.60 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. މީގެ އިތުރުން ސައިޓް "އޭ، ބީ، އެޗް،އައި" މި ސަރަޙައްދުތަކުން 321 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި ސަރަހައްދުން ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މި ސަރަހައްދުގައި ހުރި މުރަކަތައް ރައްކާތެރިކަމާއެކު އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައިއެވެ.

ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.