ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމައި އިންޖީނުތައް ލޯޑަށްލެވި މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް ގެނެސްފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ ބޮޑު އިންޖީނުގޭގެ ހުރިހާ، ޖަނަރޭޓަރުތަކެއް ނިއްވާލުމާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގައި ލޯޑް ޝެޑަކަށް ދިޔުމުންކަމަށެވެ. މިގޮތުން ކޮންޓްރޯލްކުރެވިގެން ކަރަންޓު ބޭނުންކުރާ ނިސްބަތް އެގަޑިތަކުގައި މަދުވާހެނެހެން ހުރިހާ ޖަނަރޭޓަރުތަކެއް ހުޅުމާލޭ އިންޖީނުގޭގައި ނިއްވާލަންޖެހުނީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކުރުމަށްކަމަށެވެ.
ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމާ އިންޖީނުތައް ލޯޑަށްލެވި މިހާރު ވަނީ މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް ގެނެވިފައި. މިއާއެކު ލޯޑް ޝެޑްކުރުން ހުއްޓާލައި، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު…
— STELCO (@STELCOMALDIVES) August 23, 2025
މިމަސައްކަތްކުރުމަށްފަހު މިހާރު ސްޓެލްކޯއިންވަނީ މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ފޯރުކޮށްދީފައެވެ. މިއާއެކު ލޯޑް ޝެޑްކުރުން ހުއްޓާލައި، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެކުންފުނިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސްޓެލްކޯއިންވަނީ ކަރަންޓު ކަނޑާލަންޖެހޭ ޙާލަތްތަކުގައިވެސް ސަރުކާރާއި އާންމު ޚިދުމަތްދޭ މުހިއްމު ސަރަޙައްދުތަކުން ކަރަންޓު ނުކެނޑޭނެހެން އިންތިޒާމުތައް ހަމަޖައްސާފައެވެ.
ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގައި 6 ޖަނަރޭޓަރު ހުރެއެވެ. މިއީ 2019 ވަނަ އަހަރު ބޭނުންކުރަން ފެށި، އިންޖީނުގެއެވެ. އިތުރުވެފައިވާ މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު އިންޖީނުގެއެއް މިސަރަހައްދަށް ކޮންމެހެން ބޭނުންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިގޮތުން ތިލަމާލެ ބްރިޖާއެކު ތިލަފުށީގައި ޕްލޭންކުރެވިފައިވާ އިންޖީނުގޭގެ މަސައްކަތް ކުރެވުމުން މިމައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ފާހަގަކުރައްވައެވެ.