ޚަބަރު

ޣައްޒާއިން ކާބޯތަކެތި ހުސްވެ ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް މަރުވަމުންދާ ކަމަށް ފުރަތަމަ ފަހަރަށް ކަނޑައަޅައިފި


ފަލަސްޠީނުގެ ޣައްޒާގައި ޢާންމުވެފައިވާ ބަނޑުހައިހޫނުކަމެއް ފެތުރެމުންދާ ކަމަށް ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ފުރަތަމަ ފަހަރަށް ރަސްމީކޮށް ކަނޑައަޅައިފިއެވެ.

ދަ އިންޓަގްރެޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން، އައިޕީސީން ބުނީ ޣައްޒާގެ އުތުރުގެ ސަޙަރައްދުތަކުގައި އޮތީ ޢާންމުވެފައިވާ ބަނޑުހައިހޫނުކަމެއްގެ ޙާލަތު ކަމަށާއި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޣައްޒާގެ މެދުތެރޭ އަދި ދެކުނުގެ ސަރަޙައްދުތަކަށް މި ޙާލަތު ފެތުރޭނެ ކަމަަށް ބެލެވޭ ކަމަށެވެ.

ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާނަށް ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް އެހީގެ ސާމާނާއި ކާބޯތަކެތި ވެއްދުމަށް އިންތިހާއަށް ދަތިކުރަމުންނެވެ. އެއާއެކު ކާބޯތަކެތި ނުލިބި ބަނޑަށް ޖެހުމުގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އޮގަސްޓު މަހުގެ 21ވަނަ ދުވަހާ ހަމައަށް ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން 271 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 112 ކުޑަކުދިން ވެސް ހިމެނެއެވެ.

އައިޕީސީން ބުނި ގޮތުގައި ޣައްޒާގެ ބައި މިލިޔަނަށްވުރެ ގިނަ މީހުންނަކީ އައިޕީސީ ނިޒާމުގެ ބަނޑުހައިހޫނުކަމުގެ މިންގަނޑުން ބަލާނަމަ ފަސްވަނަ ފޭސްގައި ތިބި މީހުންނެވެ. އެއީ އެންމެ ގޯސް ޙާލަތެވެ. ފޭސް ފަހެއްގައި ބަޔާންކޮށްފައިވާ ގޮތުން، އާބާދީގެ ބޮޑުބަޔަކީ ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންދާ އަދި ކާޑުބަލިޖެހިފައިވާ މީހުންނެވެ. އެ ޙާލަތުގައި ބަނޑުހައިހޫނުކަމުގެ ސަބަބަުން ގިނަ ޢަދަދެއްގެ މީހުން މަރުވެއެވެ. އިތުރު 1.07 މިލިޔަން މީހުން ނުވަތަ އާބާދީގެ 54 އިންސައްތަ މީހުންނަކީ އައިޕީސީ ފޭސް 4ގެ ޙާލަތުގައިވާ މީހުންނެވެ. އަދި 396،000 މީހުން ނުވަތަ އާބާދީގެ 20 އިންަސައްތަ މީހުންނަކީ އައިޕީސީގެ ފޭސް 3 ޙާލަތުގައި ތިބި މީހުންނެވެ.

ހިނގަމުންދާ އޮގަސްޓު މަހުގެ މެދުތެރެއިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށް ވެސް އައިޕީސީން ބުނެފައިވެއެވެ. އެ ގޮތުން ޣައްޒާގެ މެދުތެރޭ ސަރަޙައްދެއް ކަމަށްވާ ދީރުލް ބަލާޙްއާއި ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް ޢާންމުވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތު ފެތުރޭނެ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޣައްޒާގެ ޖުމްލަ އާބާދީގެ ތިންބައިކުޅަ އެއްބައި، ނުވަތަ 641،000 މީހުންނަކީ އައިޕީސީ ފޭސް 5ގެ ޙާލަތުގައި ތިބޭނެ މީހުންނަށް ވާނެ ކަމަށް އައިޕީސީން އިންޒާރުދީފައިވެއެވެ. އަދި ފޭސް4ގެ ޙާލަތުގައި ތިބި މީހުންގެ ޢަދަދު 1.14 މިލިޔަނަށް ނުވަތަ އާބާދީގެ 58 އިންސައްތައަށް އިތުރުވާނެ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. މިއީ 21 ޖަމްޢިއްޔާއެއްގެ ބައިވެރިވުމާއެކު އައިޕީސީން ޣާއްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު ބަލަން ފެށީއްސުރެ ޣައްޒާގެ ޙާލަތު އެންމެ ގޯސްވެފައިވާ މިންވަރެވެ.

އައިޕީސީން ބުނީ ޣައްޒާގެ ޙާލަތު ރަނގަޅު ކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު ނޭޅިއްޖެ ނަމަ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށާއި، ބަނޑުހައިހޫނުކަން ކޮންމެ ވެސް ގޮތަކުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެެވެ. އެހެން ނޫންނަމަ ސެޕްޓެމްބަރު މަހުގެ ފަހުން ވެސް ޣައްޒާގެ ޙާލަތު ދާނީ އިތުރަށް ގޯސްވަމުން ކަމަށް އައިޕީސީން ބުނެފައިވެއެވެ. އެ ގޮތުން އުމުރުން ފަސް އަހަރުން ދަށުގެ 132،000 ކުޑަކުދިން ކާޑުބަލީގެ ސަބަބުން 2026ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން މަރުވާނެ ކަމަށް ބުނެފައިވެއެވެ. މިއީ އައިޕީސީން މި އަހަރުގެ މެއި މަހު ލަފާކޮށްފައިވާ ޢަދަދަށްވުރެ ދެ ގުނަ އިތުރު ޢަދަދެކެވެ. އޭގެ ތެރެއިން 41،000 ކުދިންނަކީ ވެސް މިހާރު ވެސް މަރުގެ ތުންފަތް މަތީގައި ތިބި ކުދިންތަކެއް ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. އޭގެ އިތުރުން ޣައްޒާގެ ކާޑުބަލިޖެހިފައިވާ މާބަނޑު އަންހެނުންނާއި ގާތުންދޭ މައިންގެ ތެރެއިން 55,500 އަންހެނުންނަށް ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތައް ހިމެނޭ ޚާއްޞަ ކާނާ މިހާރުން މިހާރަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ ޖަމްޢިއްުޔާއިން ބުނެފައިވެއެވެ.

އދގެ ސެކެޓްރީ ޖެނެރަލް، އެންތޯނިއޯ ގުތޭޚެޝް ވިދާޅުވީ ޣައްޒާއަށް ކުރިމަތިވެފައިވާ ޢާންމުވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަަތަކީ އިންސާނުން ގަސްތުގައި ކުރިމަތިކުރުވާފައިވާ ޙާލަތެއް ކަމަށެވެ. އެއީ އިންސާނިއްޔަތު ފޭލުވެފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. ޢާންމުވެފައިވާ ބަނޑުހައިހޫނުކަމަކީ ހަމައެކަނި ކާބޯތަކެއްޗާ ގުޅުންހުރި ޙާލަތެެއް ނޫން ކަމަށާއި އެއީ އިންސާނުން ދިރިހުރުމަށް ބޭނުންވާ މުހިންމު ނިޒާމުތައް ގަސްތުގައި ފުނޑުފުނޑުކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހިފައިވާ ކަމަށާއި ކުޑަކުދިން މަރުވަމުންދާ ކަމަށް ފާހަގަކުރައްވައި ގުތޭޙެޝް ވިދާޅުވީ ފިޔަވަޅު އެޅުމުގެ ވާޖިބު އެބައެއްގެ ބޮލުގައި އެޅޭ މީހުންނަށް އެދެވޭ ފިޔަވަޅެއް ނޭޅޭ ކަމަށެވެ.

ގުތޭޚެޝް އިތުރަށް ވިދާޅުވީ އިސްތިއުމާރީ ބާރުގެ ގޮތުގައި ޔަހޫދީން އޮވެ، ޣައްޒާގެ ރައްޔިތުން ބެލެހެއްޓުމަށް ޔަހޫދީންގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކޮންމެހެން ލާޒިމުވާ ކަންތައްތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ޣައްޒާގެ އާބާދީއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާގައި މިހާރު އޮތް ޙާލަތު އެގޮތުގައި ދެމި އޮތުމަށް ފުރުޞަތު ދެވިގެން ނުވާނެ ކަމަށާއި، ބަހަނާ ދެއްކުމެއް ނެތި ޔަހޫދީންގެ ޢަމަލުތައް ކުށްވެރިކޮށް އަދަބުދީ، ފިޔަވަޅު އަޅަންވީ ވަގުތަކީ މިއީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހީގެ ސާމާނު ބަރުކޮށްފައިވާ އެތައް ސަތޭކަ ލޮރީއެއް ޔަހޫދީންގެ ސަބަބުން ޣައްޒާއަށް ނުވެއްދި ބޯޑަރު ސަރަޙައްދުގައި ހުރި ހުރުމަށް އިޝާރާތްކުރައްވާ އދގެ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ އިދާރާގެ އިސްވެރިޔާ، ޓޮމް ފްލެޗަރ ވިދާޅުވީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދަނީ ކާބޯތަކެތި ހުރި ސަރަޙައްދުތަކާ ވަރަށް ކައިރީގައި ކަމަށެވެ. އޭނާ ވިދާޅުވީ ޔަހޫދީ އިސްވެރިން ދަނީ ކާބޯތަކެއްޗަކީ ހަނގުރާމައިގެ ހަތިޔާރެއް ކަމަށް ފާޅުގައި ބުނަމުން ކަމަށެވެ. އޭނާ ވަނީ ޣައްޒާއަށް ޖައްސާފައިވާ ޙާލަތު ވަގުތުން ވަގުތަށް ނައްތާލައި އިންސާނިއްޔަތަށްޓަކައި އެ ސަހަރަަށް އެހީގެ ސާމާނު ވެއްދޭނެގޮތް މަގުފަހިކޮށްދިނުމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލައްވައިފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ތެދްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވީ ޣައްޒާއަށް ގަސްތުގައި ކުރިމަތިކުރުވާފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ބޭރަށް ހިންގުން ފަދަ އާދައިގެ ބަލިތައް ވެސް ނުރައްކާތެރި ބަލިތަކަށްވެފައިވާ ކަމަށެވެ. މި ފަދަ ބަލިބަލީގެ ސަބަބުން ޚާއްޞަ ގޮތެއްގައި ކުޑަކުދިންނަށް ނުރައްކާ އިތުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވެސް ވަނީ މިހާރުން މިހާރަށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް މަގުފަހިކުރުމަށް ޔަހޫދީންނަށް ގޮވާލައްވައިފައެވެ.