ޚަބަރު

ލީޑްސް އަތުން އާސެނަލްއަށް ފަސޭހަ މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލްއިން ކާމިޔާބުކޮށްފިއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ކުރިން އާސެނަލް އިން ވަނީ ދާދި ފަހުން އެ ޓީމާއި އަލަށް ގުޅުނު އެބެރޭޗީ އެޒޭ ދައްކާލާފައެވެ.

މި މެޗަށް އާސެނަލް ނިކުތްއިރު އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވަނީ އެ ޓީމާއި އަލަށް ގުޅުނު ވިކްޓަރ ގިޔޮކޭރެސްގެ އިތުރުން 15 އަހަރުގެ ޒުވާން މިޑްފީލްޑަރ މެކްސް ޑޯމެން އަށް ޓީމުން ފުރުސަތު ދީފަ އެވެ.

ގިނަ ދުވަސްތަކަކަށްފަހު ޕްރިމިއާ ލީގުން އަލަށް ފުރުސަތު ހޯދި ލީޑްސް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މި މެޗުގެ 34 ވަނަ މިނިޓުގައި ޖުރިއެން ޓިމްބަރ ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ.

އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބުކަޔޯ ސަކާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އާސެނަލްގެ ވިކްޓަރ ޔޯކެރެޝް ވަނީ ލަނޑެއް ޖަހާފަ އެވެ. މިއީ 64 މިލިއަން ޕައުންޑުގެ ފީއަކަށް އާސެނަލް އާއި އޭނާ ގުޅުނު ފަހުން އެ ޓީމަށް ޕްރިމިއާ ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

އާސެނަލް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 56 ވަނަ މިނިޓުގައި ޖޫރިއެން ޓިމްބަރ ކާމިޔާބުކޮށްދިންއިރު ފަސްވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޔޯކެރެޝް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި އާސެނަލްގެ ބުކަޔޯ ސަކާގެ އިތުރުން ކެޕްޓަން މާޓިން އޮޑެގާޑް އަށް ލިބުނު އަނިޔާތަކުގެ ސަބަބުން އާޓެޓާ ވަނީ މި ދެކުޅުންތެރިންވެސް ބަދަލުކޮށްފަ އެވެ.