ޚަބަރު

ޕީއެސްއެމުން "ޗާލު ދިވެހިރާއްޖެ" އެވޯޑް ތަޢާރަފްކޮށްފި


  • މި އެވޯޑު ޖުމްލަ 7 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައި

  • އެވޯޑަށް ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ 10

ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް އިން ރަށްތަކަށް އަމާޒުކޮށްގެން "ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ ނަމުގައި އެވޯޑެއް ތަޢާރަފްކޮށްފިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑން ގައި ބޭއްވި ޙަފްލާއެއްގައި، މި އެވޯޑު ތަޢާރަފްކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރޕާސަން އައިމިނަތު ނަމްޒާއެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

މިފަދަ އެވޯޑެއް ތަޢާރަފްކުރުމުގެ މަޤްސަދަކީ، ރަށްރަށުގެ ރައްޔިތުންގެ މެދުގައި ރަށަށް ލޯބިކުރުމުގެ ރޫޙު އާލާކޮށް، ދެމެހެއްޓިނިވި ގޮތެއްގައި އާދަކާދަތަކަށް ދިރިއުޅުން ބައްޓަންކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދިނުމެވެ.

ހަމައެއާއެކު، ރަށްރަށުގެ ކާމިޔާބީ ފާހަގަކޮށް، އެކަންކަން ޤައުމީ ފެންވަރުގައި ފާހަގަކުރުމަކީ މި އެވޯޑު ތަޢާރަފްކުރުމުގެ މަޤްސަދެކެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑު ޖުމްލަ 7 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވެއެވެ. އެ ދާއިރާތަކަކީ:

- އެންމެ ރީތި ގޮނޑުދޮށް
- އެންމެ އެކުވެރި މުޖުތަމަޢު
- ދެމެހެއްޓެނިވި ތަރައްޤީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް
- ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
- ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށް
- އެންމެ ހިތްގައިމު ރަށު މަންޒިލް
- އަހަރުގެ އެންމެ ޗާލު ރަށް

ޗާލު ދިވެހިރާއްޖެ އެވޯޑު ތަޢާރަފްކުރުމަށް ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ވިދާޅުވީ، މި އެވޯޑަކީ، ވަރަށް ވާދަވެރިކަމާއެކު ހުރިހަ ރަށަކުން ބައިވެރިވާނެ އެވޯޑަކަށްވުމށް އުއްމީދުކުރައްވާކަމަށެވެ. އަދި ކުރިއަށްއޮތްތާނގައި މި އެވޯޑަށް ދައިރާތައް އިތުރުކޮށް، މި މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރައްވާނެކަމަށެވެ.

" ޗާލު ދިެވހިރާއްޖެ އެވޯދުގެ ގޮތުގަ ލޯންޗުކުރެވިގެންދާ މި އެވޯޑުގަ ރަށްރަށަސޤ، އެ ރަސްރަށުން ކުރަމުންދާ މަސައްކަތްތައް، އެކި ގޮތްގޮތުން މިންކުރެވި، އެ އަގުވަޒަންކުރެވިގެންދާ ދިއުންމިއީ އެންމެނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް. އެހެންކަމުން މި އެވޯޑަކީ ވަރަށް ވާދަވެރިކަމާއެކު ހުރިހާ ރަށަކުންވެސް، ހުރިހާ ކައުންސިލުތަކުންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވޯޑަކަށް ވުން މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް". ނަމްޒާ ވިދާޅުވިއެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑަށް ހުސަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށެވެ. އެވޯޑަށް ހުށަހެޅޭނީ http://psm.mv/chaalu_award މެދުވެރިކޮށެވެ.

އެވޯޑަށް ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ 10އެކެވެ.