ރަށުގެ ތާރީޚީ ވާހަކަތައް ކިޔައިދިނުމަށް އުތީމުގައި ހަދާ "ވާހަކަ ވައު" ނުވަތަ ސްޓޯރީ ޕަރކް ތަރައްޤީކުރާ ސަރަޙައްދުގައި، ކަނދު ގަސް އިންދާ އާލާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙިމްއެވެ. އަދި މި ހަރަކާތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއުއާއި ކައުންސިލާ ބޮޑުތަކުރުފާހު ހަނދާނީ މަރުކަޒުގެ މުވައްޒަފުން އަދި އުތީމުގެ ރައްޔިތުން ބައިވެރިވިއެވެ.
އުތީމުގައި ހުރި އެންމެ އާސާރީ އެއް ބިނާ ކަނދުވަލު މިސްކިތަކީ، އުތީމުގެ އިހުގެ ކަނދު ވައު ސަރަޙައްދުގައި ހުރި، އުތީމު ތަކުރުފާނުން ނަމާދުކުރެއްވުމަށް ބޭނުންކުރެއްވި މިސްކިތްކޮޅެވެ.
އެ ސަރަޙައްދުގައި އަލުން ކަނދުގަސް އިންދާ، ސަރަޙައްދު އިއާދަކުރުމުގެ މަސައްކަތް ފަށާއި މިވަނީ ޤައުމިއްޔަތު ޕްރޮގްރާމްގައި ތެރެއިންނެވެ. ވާހަކަ ވައު ތަރައްޤީކުރުމާ ގުޅޭގޮތުން ދިވެހި ބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙީމް ވިދާޅުވީ، މިއީ ރާއްޖެއަށް ވަރަށް އާ، ތަފާތު މަސައްކަތެއްކަމަށެވެ. މީގެ ބޭނުމަކަށްވަނީ އާއްމުން ޝަޢުގުވެރިވާނެގޮތަށް، އުތީމުގެ ތާރީޚީ ވާހަކަތައް ޒަމާނާ ގުޅޭ ވަސީލަތްތަކާ ގޮތްތައް ބޭނުންކޮށްގެން ގެނެސްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިތާންގައި ހިނގާލާފައި ވާހަކަތައް ކިޔާލަމުން އުޅެވޭގޮތަށް މަގުތައް ހެދިފަ ހުންނާނީ. ވަރަށް ޝަޢުގުވެރިވާގޮތަށް މިތަން ތަރައްޤީވާނީ. ތަފާތު، ރީތި، މައިދާނަކަށް މިތަން ވާނީ. ޒަމާނާ އެއްގޮތަށް، އެކަމަކު އޭގެ ޙަގީގީ މާނައިގައި ގެނެސްދޭނީ." ދިވެހި ބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙީމް ވިދާޅުވިއެވެ.
ކަނދު ގަސް އާލާކުރުމުގެ މަސައްކަތުގެ ދަށުން 300 ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. އުތީމުގައި ޤައުމިއްޔަތު އާލާކުރުމާއި، ތަކުރުފާނުގެ އަސަރު ދިރުވުމަށް މުހިންމު މަޝްރޫޢުތަކެއް ހިންގުމުގެ މަސައްކަތްތައްވެސް އުތީމުގައި ވަނީ ފަށާފައެވެ.