ޚަބަރު

ހަވާގެ ކުޅިވަރާއެކު އުތީމާއި އަތޮޅުގެ 5 ރަށް ހިމެނޭޙެން ސަޤާފީ ކުޅިވަރު ހަރަކާތެއް ބާއްވައިފި


  • މިއީ ޤައުމީ ދުވަހުގެ މުނާސަބާގައި ކުރިއަށްގެންދިޔަ ހަރަކާތެއް

  • މިރޭ އުތީމުގައި 1438ގެ ބޮޑުބެރު ކުޅިވަރު އޮންނާނެ

ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ހަވާގެ ކުޅިވަރާއެކު، އަތޮޅުން ބައިވެރިވެގެން ސަޤާފީ ކުޅިވަރުގެ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތަކީ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ކުޅިވަރުތަކަށް އާއްމުންގެ ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ.

މި ހަރަކާތްތަކަކީ އުތީމުގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ހިމަނައިގެން ބޭއްވި ޝޯވއެކެވެ. އުތީމުގައި ކުރިއަށްގެންދިޔަ ސަޤާފީ ކުޅިވަރު ހަރަކާތުގައި ބައިވެރިވެފަވަނީ މާރަންދޫ، ބާރަށް، މުރައިދޫ، ވަށަފަރު، ދިއްދޫ އަދި އުތީމުންނެވެ.

އެގޮތުން ވަށަފަރު "ވަށް ދަނޑި"، މުރައިދޫ ކުރުފަލި، ދިއްދީ ސަޤާފީ ގަނޑި، މާރަނދޫ "މާރަން ފަރިހި"، ބާރަށު ސަޤާފީ ލަވަޔާ ބޮޑުބެރު، ދިއްދޫ ސަޤާފީ ދަނޑި އަދި އުތީމުން ވަނީ ކުރުފަލީގެ ހުށައެޅުން ހުށަހަޅާދީފައެވެ.

އަދި އުތީމު ޣާޒީ ބަންޑާއިގެން ސްކޫލްގެ ދަރިވަރުން ވަނީ، ބޮޑުތަކުރުފާނުގެ ބައްޕާފުޅު ހުސައިން ޚަތީބު ތަކުރުފާނުގެ ހަރުދަނާ ސިޔާސަތާ، ދުރުވިސްނުންފުޅު ދައްކުވައިދޭ ޚިޔާލީ ތަމްސީލެއް ހުށައަޅާފައެވެ.

އަދި އުތީމުގައި ބޭއްވި ސަޤާފީ ހަރަކާތުގައި ބައިވެރި ރަށްތަކުން ވަނީ، އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން އަތޮޅުގެ ސަޤާފީ ހުނަރުތައް ދައްކާލުމަށް ލިބުނު ފުރުޞަތަކީ ވަރަށް މުހިންމު ފުރުޞަތެއްކަމަށާއި އަދި މިއީ މިފަދަ ކުޅިވަރުތައް ދިރުވާ އާލާކުރުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ފުރުޞަތެއްކަން ފާޙަގަކުރައްވާފައެވެ. މި ސަޤާފީ އައިޓަމްތަކުގައި ރަށްރަށުން ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

"ވަރަށް ކުރިއާލާ ތައްޔާރުވާން ފަށައިފިން. ވަރަށް އުފާވެ އަތޮޅުގެ ރަށްތަކުން ބައިވެރިވާތީ. މިއީ ވަރަށް ރަނގަޅު ފުރުޞަތެއް އެކުވެރިކަން ބަދަހިކުރުމަށް ލިބިގެންދިޔަ. އަދިވެސް މިފަދަ ހަރަކާތްތައް ބާއްވަން ބޭނުންވޭ." ބައިވެރި ރަށްތަކުން ފާހަގަކުރިއެވެ.

ރޭ އުތީމުގައި ވަނީ ހަވާވެސް އަރުވާފައެވެ. މި ހަރަކާތް ބަލާލުމަށް ރަށުގެ ކުދިބޮޑު ރައްޔިތުން ރަށުގެ ގޮނޑުދޮށް ސަރަޙައްދަށް ޖަމާވިއެވެ. އަދި އުތީމުގައި ކުރިއަށްގެންދިޔަ ހަވާއާއި ސަޤާފީ ކުޅިވަރުތައް ބަލާލުމަށް އަތޮޅުން ވަރަށް ގިނަ ރަށްރަށުން އުތީމަށް މީހުން އައިސްފައިވެއެވެ.

މިއަދު ހަވީރު އުތީމުގައި އޮންނާނީ، ކުޑަކުދިންނާ އިސްރަށްވެހިންނަށް ޚާއްސަކޮށް ބާއްވާ ހަވީރެކެވެ. މިރޭ އުތީމުގައި "1438" ބޮޑުބެރު ގްރޫޕްގެ ޝޯވއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.