ހދ. ނޮޅިވަރަމު ބަނދަރު ހެދުމުގެ މަޝްރޫޢު މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ހދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. މިކަމާ ބެހޭ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
ނޮޅިވަރަމު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ނޮޅިވަރަމުގެ އިރުމަތީ ފަރާތުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ނިންމަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި އައު ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމާއި، 362 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓަރ ޖެހުން، 238 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން، 90 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން، 394 މީޓަރުގެ އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. މީގެ އިތުރުން 12 މޫރިންގް ބޮއި ހަރުކުރުމާއި، ރޭމްޕް ހެދުމާއި، 2 ނެރު ބައްތި ހަރުކުރުމާއި، 14 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1,895 އަކަމީޓަރ ޕޭވްމެންޓް ޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އަށްޑިހަ ފަސްމިލިއަން ހަތަރުސަތޭކަ ސާޅީސް ހަތަރުހާސް ސަތޭކަ ފަސްދޮޅަސް އަށްރުފިޔާ ފަސްދޮޅަސް ލާރިއަށް ފައްސަތޭކަ ސާޅީސް ދުވަހުގެތެރޭގައި ނިންމުމަށެވެ.