ކުޅިވަރު

އެފްއޭއެމްގެ ކުލަބު ލައިސަންސިން މެނޭޖަރަކަށް ނާހިލް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުލަބު ލައިސަންސިން އައު މެނޭޖަރަކަށް އެ އިދާރާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ނާހިލް އަޙްމަދު ސިއްދީގު ހަމަޖައްސައިފިއެވެ.

ނާހިލް އަކީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތުގައި ގައުމީ ފުޓްބޯޅަ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ކުޑަދުވަސްކޮޅަށް ފުރާފައިވާ ބޭފުޅެކެވެ. އޭނާ މި ވަގުތު ހުރީ ކުލަބު ލައިސަންސްއާ ބެހޭ ޚާއްސަ ވޯކްޝޮޕެއްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާގައެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރީގެ ގައުމީ ފޯވާޑް އަޙްމަދު ޠާރިޤު (ޓޮމް) ވަޑައިގަތުމާއެކު، އެ އިދާރާ ހަރުދަނާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ގޮތުން އައު ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސަވާފައިވަނީ ގިނަ ކުންފުނިތަކެއްގައި މަސައްކަތް ކުރައްވައި، ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަޙްމަދު ޒަރީރެވެ. އޭނާ އަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ހިންގެވުމުގައިވެސް ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ގައުމީ ފުޓްބޯޅަ އިދާރާގެ ހިންގުމާއި ކޮރަޕްޝަން ބޮޑުވެ، އުފެދުނު އަރައިރުންތަކާހުރެ ފުޓްބޯޅަ މެދުކެނޑިފައި އޮންނަތާ މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިކަން ބަދަލުކުރަން ނިންމައި އައު ފުޓްބޯޅަ ސީޒަން ފަށަން މިހާރު ހަމަޖައްސާފައިވަނީ އަންނަ މަހުގެ މެދުތެރޭގައެވެ.

މީގެ އިތުރުން ޠާރިޤު ވަނީ މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކުރައްވަން ނިންމަވައި، އަތޮޅު މުބާރާތް އަލުން ބާއްވަން ނިންމަވައި، ދިވެހި ޕްރިމިއަރ ލީގުން އަތޮޅުތެރޭގެ ޓީމުތަކަށް އަލުން ޖާގަ ތަނަވަސްކޮށްދެއްވަން ނިންމަވާފައެވެ.